ވޮޝިންޓަން (14 މޭ 2020): ކޮރޯނާ ވައިރަސް "ކޮވިޑް-19" ގެ މައްސަލާގައި ޗައިނާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގަރާރެއް ކޮންގްރެސް އިން ފާސްކުރަން މަސައްކަތް ކުރަމުން ގެންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ޗައިނާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގަރާރެއް އޭނާގެ ސަރުކާރުން ދިރާސާ ކުރަމުން ގެންދާކަމަށާއި އެ ގަރާރު ތައްޔާރު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވީ ސެނެޓްގެ ރިޕަބްލިކަން މެންބަރެއްކަމަށްވާ ލިންޑްސީ ގްރެހަމް ކަމުގައެވެ. އެގަރާރުގެ ދެލިކޮޕީ ތައްޔާރުކޮށް ފާސްކުރުމަށް ބޭނުންވާ ތާއީދު ހޯދުމަށް ގްރެހަމް ކުރަމުން ގެންދާ މަސައްކަތްތަކަށް ޓަކައި އޭނާއަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ކޮވިޑް-19 އެމެރިކާއަށް ފެތުރި އޭގެ ސަބަބުން އެމެރިކާގެ ގިނަބަޔަކު މަރުވަމުންދަނީ ޗައިނާގެ ސަބަބުން ކަމަށާއި އެ ވައިރަހުގެ މައުލޫމާތު ނުދީ ޗައިނާއިން އެތައް ދުވަހެއް ލަސްކޮށްފައިވާ ކަމަށް ޓްރަމްޕާއި އޭނާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އެތައްފަހަރަކު ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެދެބޭފުޅުންނަށް ދެއްކިފައެއް ނުވެއެވެ. އަދި ޖާސޫސީގޮތުން އެމެރިކާ ކުރިއަރާފައިވާއިރު ކޮވިޑް-19 ޗައިނާގައި ފެތުރެމުން ދިޔައިރު އޭގެ މައުލޫމާތު އެމެރިކާއަށް ނުހޯދުނީ ކީއްވެގެންތޯ އާއި ޗައިނާ ނުދޭ މައުލޫމާތެއް އެމެރިކާއަށް ނުލިބެންވީ ސަބަބާމެދު އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ޗައިނާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކޮންގްރެސްއިން ފާސްކުރަން މަސައްކަތްކުރާ ގަރާރުގެ ތަފްސީލު ޓްރަމްޕް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެ ގަރާރު ބިނާކޮށްފައިވަނީ އެމެރިކާއަށް އިންޕޯޓްކުރާ ޗައިނާގެ އުފެއްދުންތަކުން އިތުރު ޑިއުޓީ ނެގުމާއި ޗައިނާގައި މަސައްކަތްކުރާ އެމެރިކާގެ ކުންފުނިތައް ޗައިނާއިން ފޭބުމަށް ބާރުއެޅުމުގެ މައްޗަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އެމެރިކާއަށް ލިބޭ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި އެތަށް ޓްރިލިޔަން ޑޮލަރެއް ޗައިނާއިން ހޯދުންވެސް އެގަރާރުގައި ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއަށް އިންޕޯޓްކުރާ ޗައިނާގެ އުފެއްދުންތަކުން އިތުރު ޑިއުޓީއެއް ނަގައިފިނަމަ އޭގެ އަގުބޮޑުވާނެތީ އެކަމުން ބާރުބޮޑުވާނީ އެމެރިކާގެ އާންމުންގެ ޖީބުތަކަށް ކަމަށް ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދު ހީނަރުވެ ވަޒީފާ ގެއްލޭ އެމެރިކާ ރައްޔިތުންގެ އަދަދު މިލިޔަނުން އިތުރުވާން ފަށާފައި ވުމެވެ.

ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ކުރުމަށް ޓްރަމްޕް އެންމެ ބޮޑަށް ބަރޯސާވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދީ ހަރަކާތްތައް ހުއްޓި ވަޒީފާ ގެއްލުނު މީހުންގެ އަދަދު 33 މިލިޔަނަށް އަރާފައިވާތީ ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ ރައްޔިތުންގެ މެދުގައިވަނީ ދަށަށްދާން ފަށާފައެވެ.

ނަމަވެސް ކޮވިޑް-19 ކޮންޓްރޯލްކުރުމުގައިވެސް ޓްރަމްޕްގެ ސަރުކާރު ފެއިލްވެ އެރޯގާގައި އެމެރިކާ ރައްޔިތުންގެ އެތަށް ހާސްބަޔަކު ކޮންމެ ދުވަހަކު މަރުވަމުންދާތީ ޓްރަމްޕް ކުރިމަތީގައި އޮތް ހަމައެކަނި ގޮތަކީ އެހުރިހާ ކަމެއް ޗައިނާގެ ބޮލުގައި އަޅުވައިގެން ސިޔާސީ ގޮތުން މަސައްކަތް ކުރުން ކަމަށާ މިކަމަށްޓަކައި ރިޔާސީ އިންތިޚާބާ ޖެހެންދެން ޓްރަމްޕާއި އޭނާގެ ޓީމުން އެކިފެންވަރުގައި ޗައިނާއަށް ބަހުގެ ހަމަލާތައް ދެމުން ގެންދާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ނަމަވެސް ބަހުގެ ހަމަލާތައް ދިނުން ފިޔަވައި ޗައިނާއާ ދެކޮޅަށް އެމެރިކާއަށް ނުކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި ޗައިނާ ރުޅިއަރުވާލުމުން އދ. ގެ ސަލާމަތީ މަޖިލީހުގައާއި އީރާނުގެ ނިއުކްލިޔާ މައްސަލަ ފަދަ ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކުގައި އެމެރިކާއަށް އެއްބާރުލުން ނުދިނުންފަދަ ބޮޑެތި ގޮންޖެހުންތަކެއް ޗައިނާގެ ފަރާތުން ދެން ކުރިމަތިވާނެކަމަށްވަނީ ބެލެވިފައެވެ.

ޗައިނާއިން ވަނީ ކޮވިޑް-19 އާ ކުރިމަތިލުމުގައި ފަރުވާކުޑަކޮށް އިހުމާލުވި ކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކޮށްފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން އަވަހަށް ފިޔަވަޅު އެޅިނަމަ އެމެރިކާ ރައްޔިތުންގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސްކަމަށާ ކޮވިޑް-19 އާ ގުޅިގެން އެމެރިކާ އަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އުފުލަންޖެހޭނީ ޓްރަމްޕްގެ ސަރުކާރުން ކަމަށް ބުނެފައެވެ. އަދި އެމެރިކާ އަޅާ ކޮންމެ ފިޔަވަޅަކަށް ރައްދު ދޭނެކަމުގެ އިންޒާރުވެސް ޗައިނާ ވަނީ ދީފައެވެ. (ނޫސްއެޖެންސީތައް)