ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އާ ހުރެ މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ފަރާތްތަކަށް އެހީ ދޭނީ ދެ މަސްވަންދެެންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ދަރިވަރުންނަށް އެހީދޭ އުސޫލުގައި ބުނެފި އެވެ.

އެފަދަ ދަރިވަރުންނަށް އެހީ ދިނުމުގައި އަމަލުކުރާނެ އުސޫލު ގެޒެޓް ކުރީ މިއަދު އެެވެ.

މިއީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 ގެ ސަބަބުން ހާލުގައިޖެހިފައިވާ ދަރިވަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ އެހީ، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކަށް އެކުލަވާލި އުސޫލެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އުސޫލުގައިވާ ގޮތުން ސަރުކާރުން މާލީ އެހީ ދޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއް ހަދަމުންދާ ދަރިވަރުންގެ ތެރެއިން، މާލީގޮތުން އެހީވަމުން ދިޔަ ސްޕޮންސަރުގެ ފަރާތުން ލިބޭ އެހީ ކުޑަކޮށް ނުވަތަ ކަނޑާލައިފައިވާ ނަމަ އެވެ.

އޭގެ އިތުރުން ބަލިމަޑުކަމުގެ މި ދުވަސްވަރު އެހެން އެއްވެސް ފަރާތެއްގެ ސްޕޮންސާގެ ދަށުން ދިރިއުޅުމުގެ އެލަވަންސް ލިބެމުންދާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެކަމަށްވެސް ވަނީ ބުނެފަ އެެވެ.

ކޯސް ފުރިހަމަ ކުރުމަށްފަހު، ނުވަތަ ތަމްރީނު ފުރިހަމަ ކުރުމަށްފަހު ވެސް، ކޮވިޑްއާ ގުޅިގެން ރާއްޖެ ނާދެވިފައިވާ ދަރިވަރުންނަށްވެސް އެހީއަށް އެދެވޭނެކަމަށް ވަނީ ބުނެފަ އެވެ.

ފައިސާގެ އެހީ ދޭނެ މިންވަރެއްގެ ގޮތުގައި ކަނޑައަޅާނީ އެ ދަރިވަރެއް ކިޔަވަމުންދާ ގައުމެއްގެ ސްޓައިޕެންޑުގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައިވާ އަދަދުން ކޮންމެ ދުވާލަކަށް ޑޮލަރުން ޖެހޭ އަދަދަށްކަމަށްވެސް ވަނީ ބުނެފަ އެވެ.