ފަސް މަހުގެ ތުއްތު އަންހެން ކުއްޖެއްގެ ގަޔަށް ނުވަ މަހުގެ ކުދިންގެ ގަޔަށް ޖަހާ މީސްލްސް ވެކްސިނެއް މާލެ ސިއްހީ މަރުކަޒުން ޖެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފަސް މަހުގެ ދަރިފުޅުގެ މަންމަ ހެންވޭރު ރޯސްބޭންކް، ފާތުމަތު ރާފިޔާ މިއަދު ބުނީ އޭނާގެ ދަރިފުޅުގެ ގަޔަށް ނުވަ މަހުގެ ކުދިންގެ ގަޔަށް ޖަހާ، މީސްލްސް ވެކްސިން ދިން ކަން އެނގުނީ މިއަދު ހެނދުނު ސިއްހީ މަރުކަޒަށް ގޮސް އެ ވެކްސިން ދިނުމަށް ފަހު، ވިޓަމިން އޭ، ދަރިފުޅަށް ދިނުމަށް އެދުމުން، ދަރިފުޅު ކިރައި ކަންތައްތައްކޮށް ނިމިގެން ވެސް ވިޓަމިން އޭ ނުދިނުމުން އެއީ ކީއްވެގެންތޯ ސިއްހީ މަރުކަޒުގައި ތިއްބެވި ބޭފުޅުންނާ ސުވާލުކުރުމުން ކަމަށެވެ.

ފާތުން ބުނީ އެ ސުވާލު ކުރުމުން ސިއްހީ މަރުކަޒުން ބުނީ މީސަލްސް އަކީ ފަސް މަހުގައި ދޭން ޖެހޭ އެއްޗެއް ނޫން ކަމަށެވެ.

ފާތުން ބުނީ ވިޓަވިން އޭ ދޭން ނުޖެހޭނެ ކަމަށް އެތަނުގައި އިން ކުއްޖާ ބުނުމުން އަނެއްކާ ވެސް ވެކްސިން ފޮތް ހިފައިގެން ކައުންޓަރަށް ގޮސް، ވިޓަމިން އޭ ދެނީ ކޮން ތާކުންތޯ ސުވާލު ކުރުމުން އެމީހުން ވެސް ކުރިން ވަތް ކޮޓަރީގެ ވާހަކަ ބުނި ކަމަށެވެ.

"ވެކްސިން ދިނުމުގެ ކުރިން ވެސް އެހިން ދެން ކިތައް މަހުގައި ހޭ އަންނަން ޖެހޭނީ. އެތާ އިން ކުއްޖާ ބުނި ދޮޅު އަހަރުގަ އޭ. އެހެން ބުނީމާ ވެސް ހިތަށް އެރި ހާދަ ދުވަހެއް އެބައޮތޯ... ދެން ވެކްސިން ދީފައި އެމީހާ ބުނި އެތާ އިންނާނެއޭ ކުޑަ ކޮޓަރި އެތަނަށް ދާށޭ ވިޓަވިން އޭ ދޭން. އެތަނަށް ދިޔައީ، ވިޓަމިން އޭ ނުދިނީމާ ދެން އެނގުނީ ކަމެއް ގޯސްކޮށް ގޮސްފިކަން،" ފާތުން ބުންޏެވެ.

ފާތުން ބުނީ ދަރިފުޅުގެ ގަޔަށް ވެކްސިންދިން މީހާ ވެސް ކައުންޓަރުގައި އިނދެފައި ވެކްސިން ފޮތް ހިފައިގެން އެ ކޮޓަރިއަށް ދިޔަ ކަމަށާއި އެވަގުތު އެތަނުގައި އިން މީހާ ދަރިފުޅަށް އަދި ވީ އެންމެ ފަސް މަސް ނޫންހޭ ބުނުމުން ވެކްސިން ދިން މީހާ ވަރަށް ކަންބޮޑުވެ ހުރެފައި އޭނާ ގޮވައިގެން ގޮސް ވަނީ ވެކްސިން ޖަހާ ކޯޓަރިއަށް ކަމަށެވެ.

"ކޮޓަރި އަށް ވަނުމުން އަޅުގަނޑު ސުވާލުކޮށްފިން އަނެއްކާ ނުވަ މަހުގެ ވެކްސިނެއްތޯ ތި ދެވުނީ. އެހެން ބުނީމާ އޭނާ ބުނީ ނޫނެކޭ ހަމަ ރަނގަޅު އެއްޗެކޭ ދިނީ. ދެން އިރުކޮޅަކުން ފޯނެއް އައިސްގެން ކައުންޓަރަށް ގޮސް އެތަނުގައި ހުރެފައި އައިސް ބުނެފި، ވެކްސިން ފޮތުގައި ތާރީހުގައި ދެ ވަނަ މަސް އިނީމާ ނޭނގުނީ އޯ، ކިޔާފައި ފަޑުކޮށް ހަތެއް އިންތަނުގައި ގަލަމަކުން ހަތެއް ޖަހާލައިފި. ދެން ބުނީ ދެން އަންނަން ޖެހޭނީ ނުވަ މަސް ފުރި ދިހަ މަހަށް ވީމައޯ،" ފާތުން ކިޔާދިނެމެވެ.

ފާތުންގެ ދަރިފުޅުގެ އުފަން ތާރީހަކީ ޖުލައި 21، 2011 އެވެ. ނަމަވެސް ވެކްސިން ދިނީ ފެބްރުއަރީ 21، 2011ގައި ވިހެއި ކުއްޖެއް ކަމަށް ބަލައިގެންނެވެ.

ފާތުން ބުނީ ދަރިފުޅު ގޮވައިގެން ގެއަށް ދިއުމަށް ފަހު، ދަރިފުޅުގެ ގަޔަށް ސިއްހީ މަރުކަޒުން ޖެހީ ނުބައި އެއްޗެއްތޯ ޔަގީން ކުރުމަށް ފަހު އަލުން އަނބުރާ ސިއްހީ މަރުކަޒަށް ގޮސް އެތަނުގެ އޮފީހަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެތަނުން ވެކްސިން ފޮތް ބަލާފައި ބުނި ކަމަށް މިއަދު ވެކްސިން ދިން ކަން ފޮތުން އެނގެން ނެތް ކަމަށެވެ. ފާތުން އަދި ބުނީ އެ މީހުން އެ މައްސަލަ ބެލިއިރު ވެކްސިން ދިން ތާރީހު ޓިޕެކްސް ޖަހައި ކަނޑާފައިވާ ކަމަށާއި ނަމަވެސް ވެކްސިން ދިން ކަމަށް ވެކްސިން ދިން ކުއްޖާ ވެސް ފަހުން އިޢުތިރާފް ވެފައިވާ ކަމަށް ވެސް ފާތުން ބުންޏެވެ.

"ޓިޕެކްސް ޖަހައި ކަނޑާލާފައި އިނީ ހަމައެކަނި ވެކްސިންދިން ކަމަށް ލިޔެފައިވާ ތާރީހު. ވެކްސިން ދިން ކަމުގެ ތައްގަނޑު ވެސް އިން. އެމީހުން ބެލިބެލުމުން އެކަންތައް އެނގުނީ،" ފާތުން ބުންޏެވެ.

ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުލްޣަފޫރު މިއަދު ވިދާޅުވީ ކޮންމެ ވެސް އިހުމާލަކުން އެފަދަ މައްސަލައެއް ކުރިމަތިވެގެން އުޅޭ ކަމަށާއި އެ މައްސަލަ މިހާރު ހެލްތް ކޯޕަރޭޝަނަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށެވެ.

"ތިޔަ ކަހަލަ ކަމެއް ހިނގައިގެން އެބައުޅޭ. އިހުމާލަކުން އެކަމެއް އެ އޮތީ އެކަންތައް ވެފައި. ނަމަވެސް ފުރަތަމަ ކަމަކަށް ބަލަންވީ ދަރިފުޅަށް އެކަމުގެ ސަބަބުން ގެއްލުމެއް އޮތްތޯ،" ޣަފޫރު ވިދާޅުވި އެވެ.

ސިއްހީ މަރުކަޒުން ވެކްސިން ދިން ފަސް މަހުގެ އަންހެން ކުއްޖާ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވަނީ ސިއްހީ މަރުކަޒުން ހަމަޖެއްސި، އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށާއި އެކުއްޖާ އަށް އެއްވެސް ކަހަލަ ބަދަލެއް އަދޭތޯ އާއި ގާތުން ބުއިމަށް އެއްވެސް ބަދަލެއް އާދޭތޯ ބެލުމަށް ފަހު އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.