ސަރުުކާރުން މިހާރު މަސައްކަތް ކުރަނީ ރަށްތަކުގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުމުގެ ފުރުސަތު ހަނިކުރުމަށް ކަމަށާއި، ހުރިހާ ރަށަކަށް ބަލި ފެތުރޭނެކަމަށް ބުނެ ފިޔަވަޅު ނާޅާ ސަރުކާރަށް ނޯވެވޭނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށް ބަލި ފެތުރޭނެ ކަމަށާއި ހުރިހާ އެންމެނަށް ބަލި ޖެހޭނެ ކަމަށް ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ، އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަޝީދުގެ ވާހަތަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކްް ވިދާޅުވީ ރަށްރަށުގައި ގާއިމުކުރާ ކަރަންޓީނު ފެސިލިޓީތަކުގައި ބޭތިއްބާ އިރު، ކަރަންޓީނު އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭ ކަމަށެވެ. އަމިއްލަ ރަށުގައި ކަރަންޓީނު ކުރުމުން، ބައެއް ފަހަރު އެހެން މީހުންނާ ބައްދަލުވުން ފަދަ ކަންކަން ކުރާ ކަމަށެވެ.

މީގެ އިތުރުން ރަށު ކައުންސިލްތަކުން އިސްނަގައިގެން ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސި ބައެއް ރަށްރަށުން އެ މައްސަލަ ދިމާވެގެން އެ ކައުންސިލްތަކުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅިގެން ފުލުހުންނާ، ޑޮކްޓަރުންނާ ޓެގް ޓީމުން މަޝްވަރާކުރުމަށް ފަހު ނިންމާފައި ވަނީ، މާލެ ސާޖަކާ ދިމާލަށް ދާއިރު، ކަރަންޓީނު އެންފޯސް ކުރެވޭނެ ކަމުގެ ޔަގީންކަން ނެތް ތަނަކަށް މީހުން ފޮނުވުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން އެހެން ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިދާނެ ފަދަ ރިސްކެއް ނުނަގާނެ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރޯގާއަކީ ފެތުރޭ އެއްޗަކަށް ވާއިރު، ޖަޒީރާ ގައުމެއް ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ބަލި ފެތުރުން ގާތް ކަމަށެވެ. އެހެންކަމުން ލޮކްޑައުން އާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުން، އެމީހުންގެ އަމިއްލަ ރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރުން މިހާރު ގެންގުޅޭ ކަރަންޓީނު އުސޫލުތަކަށް ފާޑު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށަކަށް ބަލި ދާނެ އެތައް ގޮތެއް ހުންނާނެ ކަމަށާއި މާލެއިން ރަށްރަށަށް މުދާވެސް ގެންދާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ، ބަލި އެއްކޮށް މައިރިތި ކުރާނަނަމަ ހުރިހާ ދިވެހި ރައްޔިތުން ޖެހޭނީ ކުޑަކޮޅިއަކަށް ލާން ކަމަށެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ޒަރޫރީ ހާލަތްތައް މެދުވެރިވެ މާލެއިން ރަށަށް ދާންޖެހޭ މީހުން، އަމިއްލަ ރަށަށް ދިއުމުގެ ކުރިން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ޓެސްޓުކުރުމަށް ފަހު ރަށަށް ފޮނުވުމަށެވެ.

"އަޅުގަނޑުމެންނަށް ރިސްކެއް ނެގޭކަށް ނެތް، މިވަގުތު އެހެން ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް އައުމަކަށް،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރަމުން އައީ މި ވައިރަސް ރާއްޖެއަށް ވެސް އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށާއި، މިހާރު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެހެން ރަށަކަށް ވެސް ބަލި ފެތުރިދާނެ ކަަމަށް ވިސްނައިގެން ކަމަށެވެ.

އަދި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަނީ ގުދު ފަތިކުރުމަށް ކަމަށާއި، އެއް ރަށުން އަނެއް ރަށަށް ވައިރަސް ފެތުރި، މުޅި ރާއްޖޭގައި އެއްފަހަރާ ބަލި ފެތުރިއްޖެނަމަ ސިއްހީ ނިޒާމަށް ނުއުފުލޭ ވަރަށް ބުރަ ބޮޑުވާނެކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު ހަރުކަށި ކުރުމުގެ ފަހަތުގައި ފޮރުވިފައިވާ އެތިކަލް ސަބަބުވެސް މަބްރޫކް ސާފުކޮށްދެއްވި އެވެ.

"އަޅުގަނޑުމެންނަށް ވީވަރަކުން ޖެހޭނެ ރާއްޖޭގެ ހުރިހާ ރަށެއް ވެސް ރައްކާތެރި ކުރުުމަށް މަސައްކަތް ކުރަން. ފަހަރުގައި ހަމަ އެހެން ރަށްތަކަށް ވެސް މި ބަލި ފެތުރިގެން ހިނގައިދާނެ. އެހެން ނަމަވެސް އެހެންނޭ ކިޔާފައި އަޅުގަނޑުމެންނަކީ އެކަމަށް އަމަލުނުކޮށް، ފިޔަވަޅު ނާޅާ ތިބޭ ބަޔަކަށް ސަރުކާރެއްގެ ގޮތުގައި ވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" މަބްރޫކް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން މަސައްކަތް ކުރާނީ ވީވަރަކުން ހުރިހާ ރަށެއް ވެސް މިހާރު އޮތް ހާލަތުގައިި ބާއްވައި ބަލި ފެތުރުނަ ނުދީ ހިފެހެއްޓުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެއީ މިކަމުގައި އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަށް މަސައްކަތް ކުރުން އެއީ މިކަމުގައި އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ކުރިއަށް މިދަނީ،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ގެ 968 ކޭސް އެއް ފެނިފައި ވާއިރު، ބައެއް ރަށްތަކުން ވެސް ޕޮޒިޓިވް މީހުން ފެނުނެވެ. އެހެން ނަމަވެސް މާލެ ފިޔަވައި އިތުރު ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 40 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.