14 May 2020, 16:11
ރިޔާޟް (14 މޭ 2020) : ފިތުރު އީދުގެ ބަންދު ދުވަސްތަކުގައި ފުރަބަންދުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ބޭރަށް ނުކުމެއުޅުން އެއްކޮށް މަނާ ކުރުމަށް ސައޫދީ އަރަބިޔާއިން ނިންމައިފި އެވެ.
ސައޫދީގެ ރަސްމީ ނޫސް އޭޖެންސީ ބުނާގޮތުން ކޮރޯނާވައިރަސް "ކޮވިޑް-19" އިތުރަށް ފެތުރިދާނެކަމުގެ ބިރު އޮތުމުން ފިތުރު އީދުގެ ދުވަސްވަރު ސައޫދީ އެއްވެސް ސަރަހައްދެއްގައި ބޭރަށް ނުކުމެއުޅުން މުޅިން މަނާކުރުމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު އޮންނަ އުސޫލުގެ ދަށުން ފިހާރަތައް ހުޅުވުމާއި ވިޔަފާރި ކުރުމާއި ޒަރޫރީ ބޭނުންތަކަށް ނުކުމެއުޅުމުގެ ފުރުސަތު ފިތުރު އީދާހަމައަށް އޮންނާނެކަމާއި ފިތުރު އީދަށް ބަންދުކުރާ 5 ދުވަހު އެއްވެސް ފިހަރާއެއް ހުޅުވުމަކީ އަދި މީހުން ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއްކަމަށް ސައޫދީ ނޫސް އެޖެންސީ ބުނެއެވެ.
މިހާރު ސައޫދީގައި ފުރަބަންދު ގެ ފިޔަވަޅުތައް ހަރުކަށިކޮށް ތަންފީޒު ކުރަމުން ގެންދަނީ މުސްލިމުންގެ މުގައްދަސް ދެ ސިޓީ ކަމަށްވާ މާތްވެގެންވާ މައްކާއާއި މަދީނާގައި އެކަންޏެވެ. އެއީ އެދެސިޓީގައި ކޮވިޑް-19 ގެ ކޭސްތައް ގިނަ ކަމުންނެވެ.
އެނޫން ސިޓީތަކާއި ރައްތަކާއި ވިލެޖްތަކުގައި އާންމުން ބޭރަށް ނުކުތުމަށް ގިނަ ވަގުތުތަކެއް ދީ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްވަނީ ދީފައެވެ. މިގޮތުން ޒަރޫރީކަންކަމަށްޓަކައި ބޭރަށް ނުކުތުމަށް ހެނދުނު 9:00 ން ހަވީރު 5:00 އާ ހަމައަށް ފުރުސަތު ދީފައިވެއެވެ.
ގަލްފްގެ އަރަބި ގައުމުތަކަށް ބަލާއިރު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދަނީ ސައޫދީ އާއި ގަތަރުގައެވެ. ސައޫދީގައި 44 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިޥާއިރު އެރޯގާގައި 273 މީހުން މަރުވެފައިވެއެވެ. ގަލްފުގެ ސަރަހައްދުން ދެވަނައަށް ޕޮޒިޓިވް ކޭސްތައް އެންމެ ގިނަ ގައުމު ކަމަށްޥާ ގަތަރުންވެސް 26 ހާހަށްވުރެ ގިނަމީހުންނަށް އެރޯގާ ޖެހިފައިވެއެވެ. ނަމަވެސް ގަތަރުން މަރުވެފައިވަނީ އެންމެ 14 މީހުންނެވެ.
ޔޫއޭއިން 24 ހާސް މީހުން، ކުވައިތުން 11 ހާސް މީހުން ބަހްރައިން އިން 5 ހާސް މީހުން އަދި އުމާނުން 4 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. (ސައޫދީ ނޫސް އެޖެންސީ + އަލްޖަޒީރާ)