14 May 2020, 15:35
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން އަވަހާރި އެމްއެޗްއޭގެ ވިޔަފާރިވެރިޔާ މަޝްހޫރު ވިޔަފާރިވެރިޔާ މަރޮށީ ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު)އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ހުސައިން އަވަހާރަވީ ރެއެެވެ.
ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސައިންއަކީ މުޖްތަމައުއަށް އިޚްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
" ހުސައިން ޢަބްދުﷲ އަވަހާރަވުމުގެ ހިތާމާގައި އެ އާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރަން. އާމީން" ރައިސް ވިދާޅުވިއެވެ.
ހުސައިން އަވަހާރިވައިރު އޭނާގެ އަނބިކަނބަލުން މިދިޔަ މަހު 30 ވަނަ ދުވަހު ހަމަ ކޮވިޑް ބަލީގައި ވަނީ ނިޔާވެފައެެވެ. އެހެންކަމުން އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރައިފައެވެ.
މުޖްތަމައުއަށް ހިދުމަތްކުރުމުގެ ގޮތުން އެތަކެއް ޝަރަފުވެރި އިނާމް އޭނާއަށް ސަރުކާރުން އަރުވާފައިވެއެވެ. އޭގެ ތެރޭގައި 1992 ވަނަ އަހަރު އޭނާއަށް އެރުވި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ހިމެނެއެެވެ. އަދި 2005 ވަނަ އަހަރު ހަމަ އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި 2011 ވަނަ އަހަރު ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް ވެސް ވަނީ އަރުވައިފައެވެ.
ށ. މަރޮށީގެ ކަތީބުކަން ކުރިން ކުރެއްވި ހުސައިން ވަނީ އޭނާ ނިސްބަތްވާ އަތޮޅުގެ ކުދިން ގާރީކަމުގެ ސަނަދު ހޯދުމަށް ޕާކިސްތާނަށް ފޮނުވުން ފަދަ ކަންކަމުގައި އެހީތެރިވެފައެވެ.
އޭގެ އިތުރުން އޭނާ ވަނީ 1979 ވަނަ އަހަރު އަމިއްލަ ގޭގައި މަދްރަސަތުލް މުނައްވަރާގެ ނަމުގައި ސްކޫލެއްވެސް ހިންގަވައިފައެވެ.