14 May 2020, 14:58
ވޮޝިންޓަން (މެއި 14): އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި ތިން ޓްރިލިއަން ޑޮލަރުގެ ކޮރޯނާވައިރަސް ރިލީފް ޕެކޭޖު ބިލް މިހާރު ވެސް މަރުވެފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް ހުށަހެޅި 'ދަ ހީރޯސް އެކްޓް'ގައި ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލުން ހުއްޓުވުމަށް ސްޓޭޓުތަކަށާއި ސިޓީތަކަށާއި ޓްރައިބަލް ސަރުކާރުތަކަށް އެއް ޓްރިލިއަން ޑޮލަރު ދޭން ހިމަނާފަ އެވެ. އަދި ޒަރޫރީ ހިދުމަތްތައް އަދާ ކުރުމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅޭ ފަރާތްތަކަށް ދިނުމަށް 20 ބިލިއަން ޑޮލަރު ހާއްސަކޮށްފަ އެވެ.
މީގެ އިތުރުން އަހަރަކު 75،000 ޑޮލަރަށް ވުރެ މަދު އާމްދަނީއެއް ލިބޭ މީހުންނަށް 1،200 ޑޮލަރު ދިނުމަށާއި އަހަރަކު 150،000 ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ ގޭބިސީތަކަށް 2،400 ޑޮލަރު ދޭން ހިމަނާފައިވެ އެވެ. އަދި ކުޑަކުދިން ތިބޭ ނަމަ އިތުރު ފައިސާ ދިނުމަށާއި ކުއްޔާއި މޯގޭޖް ދައްކާ ފަރާތްތަކަށް އެހީވުމަށް 175 ބިލިއަން ޑޮލަރު އެބިލުގައި ކަނޑައަޅާފައިވެ އެވެ.
ނަމަވެސް ރައީސް ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ތިރީގެއިން އެ ބިލް ފާސްވި ނަމަވެސް ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުގައި ބިލް ފާސް ވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ހައުސްގެ ރައީސް ނޭންސީ ޕެލޯސީއަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެ ބިލް ހުށަހެޅި އިރު ވެސް އޮތީ މަރުވެފައި. އަދި ނޭންސީ ޕެލޯސީއަށް އެކަން އެނގިވަޑައިގަންނަވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ އެހެން މެމްބަރުން ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި މިދިޔަ މާޗް މަހު އެގައުމުން ފާސް ކުރި ދެ ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖަށް ފަހުގަ އާއި ސްޓޭޓުތައް މިހާރު ހުޅުވާލަމުންދާ އިރު އިތުރު އެހީ ދިނުން އަވަސް ކުރަން ޖެހޭ ސަަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި އެ ބިލަށް ވޯޓުލުން މާދަމާ އޮންނާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގައި މިހާތަނަށް 1.4 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ބަލީގައި 84،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެގައުމުގައި ލޮކްޑައުންގެ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯސްއިން ބުނި ނަމަވެސް އެގައުމުގެ ބައެއް ސްޓޭޓުތަކުން ދަނީ ވިޔަފާރިތައް ހުޅުވަން ފަށާފަ އެވެ.