25 Dec 2011, 15:29
ތުރުކީގެ އިސްތަންބޫލްގައި ހުކުރު ދުވަހު ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ]އޯއައިސީ[ އަންހެން މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރި ވެއްޖެ އެވެ.
"ޗޭންޖިން މުސްލިމް ސޮސައިޓީސް، ރޯލް އޮފް ވިމެން،" މިނަމުގައި އިސްތަންބޫލްގައި ކުރިއަށްދާ އިސްލާމީ ގައުމުތަކުގެ އަންހެނުންނާ ބެހޭ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގަތީ ހެލްތު މިނިސްޓަރުގެ ނައިބު ފާތުމަތު އާފިޔާ އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ވެލަޒިނީ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ދުނިޔޭގެ 57 އިސްލާމީ ގައުމަކުން ބައިވެރިވާ އޯއައިސީގެ އަންހެނުންގެ އެ ކޮންފަރެންސްގައި މަޝްވަރާ ކުރަމުން ދަނީ އިސްލާމީ ގައުމުތަކަށް މިހާރު އަންނަމުންދާ ސިޔާސީ ބަދަލުގައި އަންހެނުންގެ ދައުރު އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ގޮތުން ކަމަށް އިންޓަނޭޝަނަލް އިސްލާމިކް ނިއުސް އެޖެންސީން ބުންޏެވެ.