14 May 2020, 13:11
ކޮރޯނާވައިރަސް، ކޮވިޑް-19 އަށް 13 މީހަކު މިއަދުވެސް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އަށް ދިވެހީންނާއި، ބަންގްލަދޭޝްގެ ފަސް ރައްޔިތެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 968 ށް އަރައިފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ބަންގްލަދޭޝްގެ 511 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދިޔަ މީހުންނަށެވެ. މީގެ ކުރިން އެފަދަ ބިދޭސީން ދިރިއުޅޭ 28 ތަނެއް މޮނީޓާކޮށް ވަނީ ޓެސްޓްވެސް ކޮށްފައެވެ. އެތަންތަނުންވެސް ވަރަށް ގިނަ އަދަދަކަށް ބިދޭސީންތަކެއް ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދިވެހީންނެވެ. މިހާތަނަށް 324 ދިވެއްސަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 40 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ކުރިއަށް އޮތް ދެތިން ހަފްތާ ވައިރަހުގެ ކޭސްތައް ބޮޑުތަނުން އިތުރުވެ "ސާޖަކަށް" ދާނެ ކަމަށް ބެލެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން އަންނަނީ އިރުޝާދު ދެމުންނެވެ.