14 May 2020, 12:13
ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރަން އިތުރު ރިން ރިސޯޓު ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީނު ކުރަން ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށި ހަމަޖެހިފައިވާ ކަމަށެވެ.
"އަތޮޅު ތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް އުނދަގުލަސް، މިއީ ނުހަނު ބޭނުންތެރިކަމެއް. ކެތްތެރިކަމާ އެކު ހިތްވަރުގަދަ ކުރައްވާ." މިނިސްޓަރު ވިދާޅުވި އެވެ.
މި ތިން ރިސޯޓުގެ އިތުރުން މިހާރު ވެސް އިތުރު ހަތަރު ރިސޯޓެއް އާންމު ރައްޔިތުން ކަރަންޓީނު ކުރަން ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އެއީ އައްޑޫ ހެރެތެރެ، ދ. އިރުވެލި، ޅ. ފުށިފަރު އަދި ރ. ފުރަވެރި އެވެ.
ކުރުމުއްދަތަކަށް މާލެ އައިސް، ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންނަށް ރަށަށް ދެވޭނެ ގޮތްތަކެއް މިފަހުން ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލެއިން ރަށަށް އަނބުރާ ދިއުމަށް ޓަކައި 350 މީހަކު މިހާރު ތިބީ ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި ކަމަށެވެ.