14 May 2020, 12:18
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ 137 މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ، ކޮވިޑް19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން ވަނީ ނިންމައިިފައެވެ. އަދި ނަންބަރުތަައް ހާމަކުރާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުޅި ޖުމްލަ އެއްކޮށް ކަމަށް އެންއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.
ފްރަންޓްލައިން އޮފިސަރުންގެ ގޮތުގައި ބަލަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި ޕޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ.
ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ނަންބަރުތައް ފެންނަ ގްރާފު ހިއްސާކުރައްވައިފައެވެ.
އެ ގްރާފުގައިވާ ގޮތުން މިހާތަނަށް 137 ފްރަންޓްލައިން އޮފިސަރަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެންމެ ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެކަނި ފްރަންޓްލައިންގައި މަސައްކަތް ކުރާ 47 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު 22 ފްރަންޓްލައިން އޮފިސަރަކު އަދި މި މަހުގެ 10 ވަނަ ދުވަހު 15 އޮފިސަރަކު ވަނީ ޕޮޒިޓިވްވެފައެވެ.
ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ ކޭސްތައް ފެނުނު ދުވަސްތަކުގައި، އެ ކްލަސްޓާތަކުގެ ތެރެއަށް ފްރަންޓްލައިން މީހުން ވެސް ވަދެފައިވާ ކަމަށެވެ.
ޑރ. ވިދާޅުވީ ފްރަންޓްލައިން މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، ކޮންޓެކްޓް ޓްރޭސިން އާ އެހެނިހެން ކަންކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 955 މީހަކަށް ބަލި ޖެހިފައި ވާއިރު، 40 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.