ހުޅުމާލޭ ޖަލުގައި ޖުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި ގައިދީގެ ސާމްޕަލް ކޮވިޑް19 އަށް ނެގެޓިވް ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ރޭ ކުރި ޓުވީޓެއްގައި ބުނީ އެ ގައިދީގެ ސާމްޕަލް ވައިރަހަށް ނެގެޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވީ 92 އަހަރުގެ ގައިދީއެކެވެ. އޭނާ މަރުވީ ބަލި އެނދުގައި އޮއްވައެވެ. އަދި އޮންނަ އުސޫލުގެ ދަށުން، ކޮވިޑް19 އަށް ޓެސްޓުކުރަން އޭނާގެ ސާމްޕަލް ނެގިއެވެ.

މީގެ އިތުރުން މި މަހުގެ އަށް ވަނަ ދުވަހު މާފުށީ ޖަލުން ނެގި 38 ސާމްޕަލް ވެސް ވަނީ ކޮވިޑް19 އަށް ނެގެޓިވްވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ޖަލުތަކުގައި ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ލޮކްޑައުންގެ ހާލަތަށް މާލެ ދިޔުމާ ގުޅިގެން ޖަލުތަކުގެ މުވައްޒަފުންގެ މޫވްމެންޓް ހުއްޓުވައި، މުވައްޒަފުންނަށް ޖަލުގައި ވަނީ އެކޮމޮޑޭޝަން ހަމަޖައްސާފައެވެ.

އަދި ގައިދީންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އާއިލާ އާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، މާލެ ސަރަހައްދުގެ ޖަލުތަކަށް އަލަށް ގެންދާ ގައިދީން 14 ދުވަހު އެކަހެރި ކުރަން ވެސް ވަނީ ނިންމައިފައެވެ.