14 May 2020, 09:12
ޖެނީވާ (މެއި 14): ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އެއްވެސް އިރެއްގައި އެއްކޮށް ނައްތާނުލެވުން އެކަށީގެންވާ ކަމަށާއި އެހެންކަމުން އެންމެންވެސް ބައްޔާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯގެ ހެލްތު އެމާޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު މައިކް ރަޔަން އިއްޔެ ވިދާޅުވި ގޮތުގައި އާ ކޮރޯނާވައިރަހަކީ މުސްތަގުބަލުގައި އެޗްއައިވީ ގޮތަށް، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އާއްމުކޮށް ފެންނަ އެންޑެމިކްއެއްގެ ގޮތުގައި ދެމިހުރުން އެކަށީގެންވެ އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މި ވައިރަސް އެންޑެމިކްއަކަށްވެ، ނައްތާނުލެވުން އެކަށީގެންވޭ. މި ބަލި ނެތިދާނެ އިރެއް އެއްވެސް މީހަކަށް ލަފާ ކުރެވޭނެ ހެން އަޅުގަނޑަކަށް ހިޔެއް ނުވޭ އަދި މި ހަގީގަތް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. މި ކަމުގެ ވެވޭނެ އެއްވެސް ވައުދެއް އަދި ދެވޭނެ މުއްދަތެއް ނެތް. މި ބައްޔަކީ ދިގު މުއްދަތަކަށް އޮންނަ މައްސަލައަކަށް ވެދާނެ. ނުވަތަ އެގޮތަށް ނުވުންވެސް އެކަށީގެންވޭ،" ރަޔަން ވިދާޅުވި އެވެ.
މީގެ އިތުރުން ރަޔަން ވަނީ ވައިރަހަށް ވެކްސިނެއް ހޯދުނު ނަމަވެސް ބައްޔާ ދެކޮޅަށް ކުރަން ޖެހެނީ ބުރަސް މަސައްކަތެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވެކްސިނެއް އުފެއްދުނު ނަމަވެސް ބަލި އެއްކޮށް ނައްތާނުލެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 100އަށް ވުރެ ގިނަ ވެކްސިން މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އޭގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ އަށް ވެކްސިނެއްގެ މަސައްކަތް އަވަސް ކުރެވޭތޯ ބަލަމުންދާ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.
އެ ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް އިއްޔެ ވިދާޅުވި ގޮތުގައި މި ބަލިމަޑުކަން ހުއްޓުވަން އެންމެންވެސް އެއްބާރުލުން ދޭން ޖެހެ އެވެ. އަދި ވައިރަސް ފެތެރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ގިނަ ގައުމުތަކުން ބޭނުންވި ނަމަވެސް އެޖަމްއިއްޔާގެ ލަފަޔަކީ ހުރިހާ ގައުމެއްގައިވެސް އެލާޓް ލެވެލް އެންމެ މައްޗަށް ޖައްސާފައި ބެހެއްޓުމެވެ.
ދުނިޔޭގެ 188 ގައުމަކާއި ޓެރިޓަރީއަށް މިހާރު ފެތުރިފައިވާ އާ ކޮރޯނާވައިރަހަށް 4.3 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ބަލީގައި 297,108 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 1.5 މިލިއަނަށް އަރާފަ އެވެ.