14 May 2020, 09:34
ވޮޝިންޓަން (މެއި 14): ޓެކުހަށް މަކަރު ހެދުމާއި ބޭންކަށް އޮޅުވާލުން ފަދަ އަށް ދައުވާއަކާ ގުޅިގެން ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ކެމްޕެއިން މެނޭޖަރު ޕޯލް މެނަފޯޓް ގޭބަންދަށް ބަދަލުކޮށްފި އެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މެނަފޯޓް ގޭބަންދަށް ބަދަލު ކުރީ، އެމެރިކާގެ ޖަލުތަކުގައި ކޮރޯނާވައިރަހުގެ ނުރައްކާ ކުޑަ ކުރުމަށް ބައެއް ގައިދީން ގޭބަންދަށް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގައުމުގެ ޕްރިޒަންސް ބިއުރޯއިން ނިންމާފައި ވަނީ ގޭބަންދަށް ބަދަލު ކުރުމުގައި އިސްކަން ދޭނީ ހުކުމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ތަންފީޒުކޮށްފައިވާ ނުވަތަ ހުކުމުގައި ބާކީ 18 މަހަށް ވުރެ ކުރު މުއްދަތެއް އޮތް މީހުންނަށެވެ.
އުމުރުން 71 އަހަރުގެ މެނަފޯޓްގެ އެ ޝަރުތުތައް ފުރިހަމަ ނުވި ނަމަވެސް އޭނާ ގޭބަންދަށް ބަދަލު ކުރީ އޭނާގެ އެހެން ސިއްހީ މައްސަލަތައް ހުރުމުންނާއި އުމުރަށް ބަލާފައި ކަމަށް ކަމާ ބެހޭ ފަރާތަކުން ވިދާޅުވި އެވެ.
އޮގަސްޓު 2018ގައި މެނަފޯޓް ޖަލަށް ލާން ހުކުމް ކުރީ ރަޝިއާއިން އެމެރިކާގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިތޯ ބަލަން ކުރިއަށްގެން ދިޔަ ތަހުގީގުގެ ތެރެއިން ހާމަވި މައުލޫމާތާ ގުޅިގެންނެވެ. އަދި އޭނާ ހުންނެވީ ޖޫން 2018އިން ފެށިގެން ޖަލުގަ އެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު ހިތުގެ މައްސަލައަކާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އެމެރިކާގެ ފެޑެރަލް ޖަލުތަކުގައި ތިބި 2،818 ގައިދީންނާއި 262 މުވައްޒަފުން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި ބަލީގައި 50 ގައިދީން މަރުވެފައިވެ އެވެ.
އެގައުމުގެ ބިއުރޯ އޮފް ޕްރިޒަންސްއިން ވަނީ މާޗް 26ގައި ބައެއް ގައިދީން ގޭބަންދަށް ބަދަލު ކުރަން ފެށި ފަހުން 2،400އަށް ވުރެ ގިނަ ގައިދީން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އެމެރިކާގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.4 މިލިއަނަށް އަރައި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 84،700އަށް ވުރެ އިތުރުވެފަ އެވެ.