ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއީ މިހާތަނަށް ރާއްޖެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު އެންމެ ގިނަ ގައުމެވެ.

އެންއޯއީސީން މިރޭ ހާމަ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ބަންގްލަދޭޝްއަށް ނިސްބަތްވާ 506 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދިވެހީންގެ އަދަދަކީ، 300 އެެވެ. އިންޑާގެ 96 މީހަކަށް ވައިރަސް ޖެހުނު އިރު، ނޭޕާލްގެ 10 މީހަކު ވައިރަހަށް ޕޮޒިޓިވްވިއެވެ. އަދި ސްރީލަންކާގެ ހަތް މީހަކާއި ޕާކިސްތާނު ތިން މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ބަންގްލަދޭޝް މީހުންގެ ތެރެއިން މި ވައިރަސް ބޮޑަށް ޖެހިފައިވަނީ، މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދިޔަ މީހުނަނަށެވެ. މީގެ ކުރިން އެފަދަ ބިދޭސީން ދިރިއުޅޭ 28 ތަނެއް މޮނީޓާކޮށް ވަނީ ޓެސްޓްވެސް ކޮށްފައެވެ. އެތަންތަނުންވެސް ވަރަށް ގިނަ އަދަދަކަށް ބިދޭސީންތަކެއް ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން އެއްތަނެއްގައި ދިރިއުޅެމުން ދިޔަ 95 މީހަކު މީގެ ކުރިން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ބަލި ޖެހިގެން ހަތަރު މީހަކު މަރުވިއިރު، އޭގެ ތެރެއިން އެކަކީ ބަންގަލަދޭޝް މީހެކެވެ.

ސަރުކާރުން މިހާރު ވަނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރަން ފަށާފައެވެ. ބައެއް މީހުން ކަރަންޓީން މަރުކަޒުތަކަށް ގެންދިޔަ އިރު، ބައެއް މީހުން ވަނީ މާލޭގައި ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ.

ރާއްޖޭގައި ޖުމްލަ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 955 އެވެ. އޭގެ ތެރެއިން 40 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.