ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޯދަން ފެށި ހަތް ބިދޭސީންގެ ތެރެއިން ފެނުނު އެކަކު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ސާމްޕަލް ނެގުމަށް ފަހު، ނަތީޖާ ލިބުނު އިރު ކޮވިޑް19 އަށް ޕޮޒިޓިވްވި ހަތް މީހަކު ނުފެނިގެން، އެމީހުން ހޯދުމަށް އެޗްޕީއޭއިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ.

އޭގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ހޯދައި، ފުލުހުން ވަނީ އެމީހުން އެޗްޕީއޭއާ ހަވާލުކޮށްފަ އެވެ. ފުލުހުންގެ މަސައްކަތުން އަނެއް ތިން މީހުން ނުފެނިއްޖެ ނަމަ، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެ ބައެއްގެ ޒާތީ މައުލޫމާތު ވަކި މިންވަރަކަށް ހާމަކުރާނެ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ، ފެނުނު މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި އޮތްކަން ޔަގީންކޮށްދެއްވައިފަ އެވެ.

މިހާތަނަށް ރާއްޖެއިން 955 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ އިރު، ހަތަރު މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ގެއްލުނު މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމެންޓް ސައިޓްތަކުގައި އުޅެމުން ދިޔަ މީހުން ކަމަށާއި އަނެއް ތިން މީހުންނަކީ ތަފާތު ތިން އެޑްރެހެއްގައި އުޅެމުންދާ މީހުން ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ގިނަ މީހުން ތިބެނީ ދޫކޮށްލައިފަ އެވެ. އަދި ޕޮޒިޓިވްވުމުން އެ މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރެއެވެ.

މަބްރޫކް މިރޭ ވިދާޅުވީ، ކޮވިޑް-19ގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާ ފަރާތްތަކަށް ގުޅޭނެ ނަންބަރާއި އުޅޭ އެޑްރެސް އެޗްޕީއޭއިން ނޯޓް ކޮށްފައި ހުންނަ ކަމަށެވެ.