ސާކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ފުރަތަމަ ފަހަރަށް ކައިވެނި ހަފްލާއެއް ބާއްވައިފި އެވެ.

އީސީސީގައި ރޭ ބޭއްވި، ސ. ހިތަދުއަށް އުފަން ދެ ޒުވާނެއްގެ ތާރީޙީ ކައިވެނީގެ ހަފްލާ ޒީނަތްތެރި ކޮށްދިން "އެލްމޮމެންޓޯ"ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކައިވެނި ހަފްލާ ބާއްވަން އީސީސީ ހަމަޖެއްސީ އެތަނުގެ އައުޓްޑޯ މަންޒަރުގެ ފުރިހަމަ ކަމުން ކަމަށާއީ ރޭގެ އެ ހަފްލާ ބާއްވާފައި ވަނީ އީސީސީގެ އައުޓްޑޯގައި ކަމަށެވެ.
"އެތަން ވަރަށް ހިތްގައިމު. ދެން އެތަނުގެ ފެނާއި މަންޒަރު ވަރަށް ރީތި، އެތެރެއިން ވެސް ބޭރުން ވެސް. އެހެންވެ ބޮޑަށް އައުޓްޑޯކޮށް ވެޑިން ބޭއްވީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީސީގައި ފުރަތަމަ ފަހަރަށް ކައިވެނި ހަފްލާއެއް ބޭއްވުމުގެ ޝަރަފު ލިބިގެން ދިއުމަކީ "އެލް މޮމެންޓޯ" އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވުޖޫދަށް އައި "އެލް މޮމެންޓޯ" އިން ވަނީ މިހާތަނަށް 10 ކައިވެނީގެ ހަފްލާ ޕްލޭންކޮށް ވަރަށް ފުރިހަމަ ގޮތެއްގައި ބާއްވާފަ އެވެ.

އީސީސީގައި ފުރަތަމަ ފަހަރަށް ކައިވެނި ޕާޓީއެއް ބޭއްވި އިރު އެތަން ވަނީ ބައިނަލްއަގްވާމީ ބީލަމަށް ހުޅުވާލައިފަ އެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެތަން ބަޔަކާ ހަވާލު ކުރެވެން ދެން އެކިއެކި ހަފުލާތައް ބޭއްވުމަށް އެތަން ކުއްޔަށް ދޫކުރުމަށް މިދިޔަ އަންގާރަ ދުވަހު އިއުލާންކޮށް އާއްމުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

އީސީސީގައި ކައިވެނި ހަފްލާއެއް ބޭއްވުމުގެ ކުރިން މިސްޓާ އެމްއެންޑިއެފް 2011ގެ ހަފްލާ ވެސް އީސީސީގައި ވަނީ ބާއްވައިފަ އެވެ.