ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާދޭ އެންމެން މޮނީޓާ ކުރަން ކްލިނިކަލް އެޑްވައިޒަރީ ޓީމެއް އެކުލަވާލައި މަސައްކަތް ފަށައިފިއެވެ.

ކޮވިޑާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާާދު ވިދާޅުވީ ކޮވިޑްއަށް ޕޮޒޮޓިވްވާ މީހުން ބަލައި މެނޭޖްކުރުމަށްޓަކައި އައިޖީއެމްއެޗްއިން ޓީމެއް އެކުލަވާލެވިގެން މަސައްކަތްތަކެއް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

"އޭގެ މާނައަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް މެނޭޖްކުރުމުގައި ދޭން ޖެހޭ ލަފަޔާއި އިރުޝާދު ދިނުމުގައި ކްލިނިކަލް މެނޭޖްމަންޓްގައި ބަލި މީހަކު ހުރި ތަނެއްގައި ދިމާވާ މައްސަލަތައްް ހައްލުކޮށްދިނުމަށް އެއަށް ދޭން ޖެހޭ ލަފާ ދިނުމުގެ ޓީމެއް އެކުލަވާލެވި އޭގެ މަސައްކަތް މިހާރު އެބަކުރިއަށް އެބަދޭ،" ޑރ. މުރާދު ވިދާޅުވިއެވެ.

ކޮވިޑް ޖެހިފައިވާ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލްގައިވެސް ދަނީ ފަރުވާ ދެމުންނެވެ. ޑރ. މުރާދު ވިދާޅުވީ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންވެސް އެ ޓީމުން މޮނީޓާ ކުރަމުންދާ ކަމަށެވެ.

"ޓްރީޓޮޕް ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުންް މިވަގުތު ބައްލަވަމުންދިޔަ ކަމުގައިވިޔަސްވެސް އެ ބަލިވ މީހުން ގިނަވާ ހިސާބުން ހަމަ އައިޖީއެމްއެޗްގެ ޑޮކްޓަރުންދާ ގޮތަށް މި ހަަމަޖެހިފައި މިއޮތީ. އެހެންވީމާ މި އޮޕަރޭޝަން ފެށިގެން ހުރިހާ ކަމެއް ސްޓްރީމްލައިންވަމުން ތަރުތީބުވަމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަންނަ ހަފްތާއިން ފެށިގެން ހަމަ 24 ގަޑިއިރުގެ އޮޕަރޭޝަނަކަށް ބަދަލުވެގެންދާނެ." ޑރ. މުރާދު ވިދާޅުވިއެވެ.

އެއާއެކު ކޮވިޑާ ގުޅިގެން އަންނަ ފޯނުކޯލްތައް ނަގައި 24 ގަޑިއިރު ލަފާދިނުމުގެ މަސައްކަތް ކުރާނެއެވެ.

"އޭގެ މާނައަކީ އޮޕަރޭޝަންގެ ޓީމްތައް އަޅުގަނޑުމެން މެނޭޖްކުރަން 24 ގަޑިއިރު ފޯންކޯލްތަކާ ދިމާވާ މައްސަލަތަކަށް އަޅުގަނޑުމެންގެ ތެރެއިން ލަފާ ދިނުމަށް ޓީމްގެ މަސައްކަތް 24 ގަޑިއިރު ކުރެވޭނެ ގޮތަށް މިއަންނަ ހަފްތާއިން ފެށިގެން ބައްޓަން ވެގެން ދާނެ،" ޑރ. މުރާދު ވިދާޅުވިއެވެ.

ކޮވިޑް 19 އިގެ ބަލި މީހުން އެކި ތަންތާނގައި އެބަތިއްބެވެ. އޭގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކާއި މާލެއިން ބޭރުގައިވެސް އަދި ގްރޭޓާ މާލެ ސަރަހްދުގައިވެސް ބަލި މީހުން އެބަތިއްބެވެ. އެހެންކަމުން އެ އެންމެން މޮނީޓާ ކުރުމަށް ޓީމް އެކުލަވާލުމަކީ ވަރަށް މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.