14 May 2020, 00:23
މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.
މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ، މާދަމާގެ ނިޔަލަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަަމަށެވެ.
ލޮކްޑައުން އަމުރުގެ ދަށުން ހުއްދަ ނެތި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް މަނާވާނެ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ކަމަށްވާ، ބަހާއި ފެރީ ގެ ހިދުމަތްދިނުން އަދި މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުން ވެސް މަނާވާނެ އެވެ.
މާލެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރި އެވެ. އެފަހުން ޖެހިގެން އައި ދުވަހު ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރި އެވެ.
ލޮކްޑައުންގެ ފިޔަވަޅުތަކުން އިސްތިސްނާ ވާނެ ފަރާތްތަކަކީ؛
ސިފައިންނާއި ފުލުހުން
- ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
- އެމްބިއުލެންސް
- ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
- ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތައް
ލޮކްޑައުންގެ އުސޫލުތަކާ ހިލާފުވާ ފަރާތްތައް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، މާލެ ސަރަހައްދުގެ ލޮކްޑައުން ނިމުމަކަށް ގެނެވޭނެ ހާލަތައް އަދި ނާންނަ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އާންމު ހާލަތަށް އައިސްދާނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ލޮކްޑައުންގައި ބާއްވަން ޖެހެނީ، ވައިރަސް ކުއްލިއަކަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އަދި ލޮކްޑައުން ކުރުމާ ގުޅިގެން ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުން ވެސް މަދުވެފައިވާ ކަމަށް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 955 މީހަކު ވަނީ ޕޮޒިޓިވްވެ، ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ރާއްޖެ ކޮވިޑް19 ގެ ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.