13 May 2020, 23:37
މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑް19 އަށް ޕޮޒިޓިވް 10 މީހަކަށް ފަރުވާދެމުން އަންނަ ކަަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ޓްރީޓޮޕްގައި ދެ މީހަކު ވެންޓިލޭޓަރުގައި އޮތް ކަމަށެވެ.
އެހެން ނަމަވެސް ހާލު ސީރިއަސް ވެފައިިވަނީ ވެންޓިލޭޓަރަށް ނުލާ އޮތް މީހެއް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ޑރ. މުރާދު ވިދާޅުވިއެވެ.
"މިވަގުތު ކޮވިޑް19 ގެ ޕޮޒިޓިވް ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެވެމުން މިދަނީ. އިތުރު އެކަކު ތަންކޮޅެއް ހާލު ބޮޑުކޮށް ވެންޓިލޭޓަރުގައި ނޫނަސް ތަންކޮޅެއް ކޮންޑިޝަން ސީރިއަސްކޮށް އެބަ ފަރުވާ ދެވެމުން ގެންދޭ،" ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ އެހެން ބަލި މީހުންގެ ހާލު ރަނގަޅު ކަމަށާއި، އިތުރު ކޮމްޕްލިކޭޝަނެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި ތިބި މީހުންގެ ތެރޭގައި އެހާބޮޑަށް ބަލި ނޫން ދެ މީހަކު ވެސް ތިބި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެއީ ޓްރީޓޮޕަށް ބަދަލުކުރި ކުޑަކުއްޖެއްގެ އާއިލާގެ މެމްބަރުންނެވެ.
ކޮވިޑް19ގެ ބަލިމީހުންގެ ތެރެއިން، ބޮޑަށް ސީރިއަސް ބަލިމީހުން ބަލަހައްޓަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ (ޑީއެޗް11) އާއި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
ޑީއެޗް11 ގައި މިވަގުތު ތިން މީހަކު ތިބި އިރު، ދެ މީހަކަށް ފަރުުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ޑރ. މުރާދު މިރޭ ވިދާޅުވީ ޑީއެޗް11 ގައި އޮތް ތިން ވަނަ ބަލި މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު އޭނާ ރިކަވަރީއާ ދިމާލަށް މިސްރާބު ޖަހާފައިިވާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ޑީއެޗް11 އިން އެހެން ތަނަކަށް އޭނާ ބަދަލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 955 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، 40 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ތިން މީހަކު ވަނީ ބަލީގައި މަރުވެފައެވެ.