13 May 2020, 22:44
ކޮވިޑް19 އާ ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިން އަށް އާންމުންގެ ފަރާތުން އެންމެ އެދެވޭ މިންވަރަކަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިން އަށް ބައެއް ފަރާތްތަކުން އިންކާރު ކުރަމުން އަންނަ ކަމަށެވެ.
"ބައެއް ބޭފުޅުން ބިރުގަންނަނީ ކަންނޭނގެ ގޭގައިވާ އުމުރުން ދުވަސްވީ ބޭފުޅަކު ސާމްޕަލް ނަގައިގެން ޕޮޒިޓިވް ވެއްޖެއްޔާ އޭނާ އަނެއްކާ އެހެން ދިމާލަކަށް ގެންގޮއްސިއްޔާ، އޭނާގެ ހާލަތު ދަށްވެދާނެ ކަމަށް. ނޫނިއްޔާ އެފަދަ ތަފާތު ބިރުތަކާ ހެދި ސާމްޕަލް ނެގުމަށް އިންކާރު ކުރޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެހެން ނަމަވެސް ރެންޑަމް ސާމްޕްލިން އަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެންމެ ރިސްކް ބޮޑު އާބާދީގެ ތެރޭގައި ބަލި އުޅޭ މިންވަރު ދެނެގަނެވޭނީ ރެންޑަމް ސާމްޕަލް ނަގައިގެން ކަމަށް އަފްޒަލް ވިދާޅުވި އެވެ.
ހަމައެއާ އެކު ގިނަ މީހުންގެ ފަރާތުން ކޮވިޑް19ގެ އަލާމާތްތައް ނުފެންނަ އިރު، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެހެން ބަލިތަކަށް ވެސް ފަރުވާކުރަމުން އަންނަ މީހުންނަށް ވާއިރު، ކޮވިޑްގެ އަލާމާތްތަކާއި އިތުރު ބައްޔެއްގެ އަލާމާތްތައް އެކުވެފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އެހެންކަމުން އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނަގަން އެދުމުން އެކަމަށް އެއްބާރުލުން ދެއްވުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި އެވެ.