13 May 2020, 22:39
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ތިން ބިދޭސީއަކު ހޯދަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަ ކޮށްފި އެވެ.
ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖަ ލިބެންދެން ގިނަ މީހުން ހުންނަނީ މުޖުތަމައުއަށް ދޫކޮށްލާފަ އެވެ. އަދި ޕޮޒިޓިވްވުމުން އެ މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރެއެވެ.
އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ކޮވިޑް-19އިގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާ ފަރާތްތަކަށް ގުޅޭނެ ނަންބަރާއި އުޅޭ އެޑްރެސް އެޗްޕީއޭއިން ނޯޓް ކޮށްފައި ހުންނަ ކަމަށެވެ.
"މިގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ހަތް މީހަކު އަޅުގަނޑުމެނަށް ގުޅޭނެ ގޮތް ނުވެގެން ޕޮލިހަށް އެޗްޕީއޭފެ ފަރާތުން އެ މައުލޫމާތު ހިއްސާކޮށްފައިވޭ،"
އެ ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމެންޓް ސައިޓްތަކުގައި އުޅެމުން ދިޔަ މީހުން ކަމަށާއި އަނެއް ތިން މީހުންނަކީ ތަފާތު ތިން އެޑްރެހެއްގައި އުޅެމުންދާ މީހުން ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
ޕޮލިހުންގެ ފަރާތުން ހަތަރު މީހަކު ހޯދައި އެޗްޕީއޭއާ ހަވާލުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އަނެއް ތިން މީހުން އަދި ފެނިފައި ނުވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ފުލުހުންގެ މަސައްކަތުން އެ މީހުން ނުފެނިއްޖެ ނަމަ، ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެ ބައެއްގެ ޒާތީ މައުލޫމާތު ވަކި މިންވަރަކަށް ހާމަ ކުރާނެ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.