25 Dec 2011, 13:47
ސަރުކާރުން ކުރަން ޖެހޭ ކަމެއް، ކުރުމަކީ ޑިމޮކްރަސީގައި ބަލިވުން ނޫން ކަމަށް ވިދާޅުވެ، އައްޑު އަތޮޅުގައި ހުރި، ބުދުތައް ވަގުތުން ވަގުތައް ނެގުމަށް އައްޑޫ ސިޓީ މޭޔަރު، އަބްދުﷲ ސޯދިގަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ގޮވައިލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަޖެޓް ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކަންކަން ރަނގަޅު ކުރުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށާއި އެކަންކަން ކުރެވޭނެ ކަމަށެވެ.
"ބަޖެޓް ބަހުސްގައި އަޅުގަނޑު ގޮވާލަން ބޭނުންވޭ އައްޑު އަތޮޅު މޭޔަރަށް އައްޑު އަތޮޅުގައި ހުރި ރައްޔިތުން ގަބޫލު ނުކުރާ މޮނިއުމެންޓްތައް މިހާރުން މިހާރަށް ނެގުމަށް. މީ ކަންކަން ކުރުމަކީ. ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް މަޖިލީހުން ކުރުން. ސަރުކާރުން ކުރަން ޖެހޭ ކަމެއް ސަރުކާރުން ކުރުމަކީ އެއްވެސް ހާލެއްގައި ޑިމޮކްރަސީގައި ބަލިވުމެއް ނޫން. މިކަންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އިސްލާމް ދީން ހިމާޔަތް ކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހު އެތައް ހާސްބަޔަކު ބައިވެރިވެގެން ބޭއްވި މުޒާހަރާ އަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވީ، ބަޣާވާތަކުން، ޖަހާ ބެރަކުން ސަރުކާރު ވައްޓައި ނުލެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ މުޒާހަރާގެ ބައިވެރިން ދެއްކި ވާހަކަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްކުރާ ވަރަށް ވަރުގަދަ ވާހަކައެއް ހިމެނޭ ކަމަށާއި އެ ރައްޔިތުން ގޮވާލާފައިވާ ފަދައިން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕްރެޒެންޓޭޓިވް ނަވީ ޕިއްލޭ މަޖިލީހަށް ވެއްދީ ކާކުތޯ ބަލައި އެކަމަށް މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިތަނަށް (މަޖިލީހަށް) ޕިއްލޭ ވެއްދީ ކާކުތޯ އާއި އޭނާ ވެއްދީމާ އެކަމާ ދޭތެރޭގައި މާފަށް އެދުނުތޯ އާއި އޭނަ ދައްކަން އުޅުނު ވާހަކަ އަކީ ރައްޔިތުންގެ މަޖިލީހަށް ލިއުމުން ލިބިފައިވާ އެއްޗެއްތޯ ސާފުކުރަން ބޭނުން. ރައްޔިތުން މަޖިލީހުގެ ކޮންމެ މެންބަރެއްގެ ބޮލުގައި އަލުވާފައިވާ ޒިންމާއެއް އެއީ. އެކަން ގޯހުން ގޮސްފައިވާ ނަމަ މަޖިލީހުގެ ރައީސް ޒިންމާ ނަންގަވަން ޖެހޭނެ. އަދި އެކަމާ ޒިންމާވާ ފަރާތްތަކުގެ އިތުބާރުނެތް ކަމުގެ ވޯޓު ގަނައުމަށް ސޮއިކުރަންތިބީ ތައްޔާރަށް،" އަލީ ވަހީދު ވިދާޅުވި އެވެ.