ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 51 މީހަކު ދެނެގަނެވިފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 955 އަށް އަރައިފައެވެ.

އެޗްޕީއޭއިން ބުނީ މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 26 އިންޑިއާ މީހުންނާއި، 12 ދިވެހީންނާއި، 11 ބަންގްލަދޭޝް މީހުންގެ އިތުރުން ނޭޕާލް މީހަކާއި ލަންކާ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 506 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

މީގެ އިތުރުން 316 ދިވެހީންނާއި، އިންޑިއާގެ 98 މީހުންނަށް ވެސް ވަނީ ބަލިޖެހިފަައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 955 އަށް އަރާފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާ ރާއްޖެ ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު އެކަނި ވެސް ބަލި ޖެހިފައިވާ 1600 އެއްހާ މީހުން އުޅޭނެ ކަމަށާއި، އަދި އެ ދުވަހު މުޅި ރާއްޖެއިން ބަލި ޖެހިފައިވާ މީހުންގެ އަދަދު 6000 ން މަތިވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.