ކޮވިޑް19 އިން އިތުރު އަށް މީހަކު ރަނގަޅުވެ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން މުޅިން ރަނގަޅުވި މީހުންގެ އަދަދު 40 އަށް އަރައިފި އެވެ.

މިހާތަނަށް ރާއްޖެއިން 955 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލީގައި ހަތަރު މީހަކު ވަނީ ނިޔާވެފަ އެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ބަލިން ރަނގަޅުވި އަށް މީހުންނަކީ ވެސް ދިވެހިން ކަމަށެވެ.

އަދި މިހާތަަނަށް ރާއްޖެއިން ބަލިޖެހި، ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެހީންނާއި 14 ބިދޭސީން ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވީ ކުރިން އުންމީދުކުރި ވަރަށް ވުރެ، ރާއްޖޭގައި ކޮވިޑް19 ޖެހޭ މީހުން ބަލިން ރަނގަޅުވާ ނިސްބަތް، ނުވަތަ ރިކަވަރީ ރޭޓް ދަށް ކަމަށެވެ.

މިވަގުތު ރާއްޖެއިން ކޮވިޑް19 ޖެހުނު 13 މީހަކު އެޑްމިޓްކޮށް ފަރުުވާދެމުން އަންނަ އިރު، ހަތަރުު މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ. އަދި ވެންޓިލޭޓަރަށް ނުލާ އޮތް މީހެއްގެ ހާލު ސީރިއަސް ކަމަށް ވަނީ ބުނެފަ އެވެ.