ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ރެޕިޑް ރެސްޕޮންސް ޓީމަށް ބަގީތަކެއް ހަދިޔާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ޓީމަށް ހަ އިލެކްޓްރިކް ބަގީ ހަދިޔާކުރި ކަމަށެެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ ބަގީތަކަކީ އެެންއޯސީއިން އެދުމުން ހަދިޔާ ކުރިތަކެއްޗެއް ކަމަށެވެ.

"ސާމްޕަލް ނަގަން ދާން ކުޑަ ވެހިކަލްއެއް ބޭނުންނެވެގެން އެ ބޭފުޅުން ރިކުއެސްޓް ކުރީ. އެތަކެތި ދިނީ ވަގުތީ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ތަކެއްޗަކީ ސައި ލެގޫން މޯލްޑިވްސްއާއި ކްރޮސް ރޯޑުން ހިންގާ ހާޑް ރޮކްއިން ދީފައިވާ ތަކެތި ކަަމަށެވެ.

"ކްރޯސް ރޯޑްގެ މެނޭޖްމަންޓާއި ސައި ލެގޫންއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މިނިސްޓްރީގެ ޓުވީޓުގައިވެ އެވެ.

ސަރުކާރުން މިހާރު ވެސް ދަނީ ޓެސްޓްކުރަން އިތުރު މެޝިންތައް ގެނައުމަށް ތައްޔާރުވަމުންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަމާޒަކީ ދުވާލަކު ޓެސްޓްކުރެވޭވަރު 600 އަށް އިތުރުކުރުން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 995 މީހުން ވަނީ ފެނިފަ އެވެ. އަދި އެ ބަލި ޖެހުނު ތިން މީހަކު ވަނީ މަރުވެފައެވެ.