ފަނޑިޔާރުންނަށް ދުއްތުރާކޮށް ނުފުރޮއްޕާން ކުރުމަށް އެމްޑީޕީ މެންބަރުން މީގެ ފަހުން ކޯޓުތަކާ ކައިރި ނުވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންޒާރު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ، ބަޖެޓް ރިޕޯޓްގެ ބަހުސުގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުން ރާވައިގެން ފަނޑިޔާރުންނަށް އުނދަގޫ ކުރަމުންދާ ކަމަށެވެ. އަދި އެމްޑީޕީ މީހުން ބޭނުންވާ ގޮތަށް ޝަރީއަތްތައް ނުނިމުނީމާ ފަނޑިޔާރުންނަށް ދުއްތުރާކޮށް ނުފޮރޮއްޕާންކުރާތަން ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދެން ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެއީ އެބުނާ ޑިމޮކްރަސީ އާއި ގައުމުގެ އުސޫލުތަކާއި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތޯވެސް ގާސިމް ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުން ރާވައިގެން ފަނޑިޔާރުންނަށް އުނދަގޫކުރާތަން. އަޅުގަނޑުމެންނަށް މި ފެންނަނީ ފަނޑިޔާރުގެތަކަށް ގޮސް މިމީހުން ބޭނުންވާ ގޮތަށް މައްސަލަތައް، ޝަރީއަތްތައް ނުނިމުނީމަ އެ ފަނޑިޔާރުންނަށް ދުއްތުރާކޮށް ނުފޮރުއްޕާންކުރާތަން. މީތޯ ޑިމޮކްރަސީއަކީ، މީތޯ ގައުމުގެ އުސޫލުތަކާއި ހަރުދަނާ ޑިމޮކްރަސީ އާއި މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަކީ. ބަލަ އެކަން ކުރާކަށް ދެނެއް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ. ނަމަނަމަ ދެން މީގެފަހުން އެތަނަށް ކައިރި ނުވާތި،" ގާސިމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ސަރުކާރުން އެތައް ކަމެއް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ކަންކަން ކުރުމުގެ ސަގާފަތެއް ތައާރަފް ކުރުމުގެ ބަދަލުގައި ގާނޫނީ ގޮތުން ކަންކަން ކުރުމަށް ވެސް ގާސިމް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.