13 May 2020, 19:19
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުގެ ހާލަތަށް ގެނައުމާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ "ފުރަބަންދު ލިސްޓު"، އަތޮޅު ކައުންސިލްތަކަށް ފޮނުވައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނީ ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަަމަށެވެ.
އެގޮތުން ކައުންސިލްތަކުން ފޮނުވާފައިވާ އެފަދަ ފަރާތްތަކުގެ ލިސްޓާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެކުލަވާލާފައިވާ ލިސްޓާއި އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ގެ ފަރާތުން އެކުލަވާލާފައިވާ ލިސްޓް އެއްކޮށްލުމަށްފަހު 'ފުރަބަންދު މީހުންގެ' މާސްޓާ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
އެފަރާތްތައް ރަށްރަށަށް ފޮނުވަން ހަމަޖެހިފައިވަނީ ޖެންޑާ މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން އާންމުކޮށް ގެޒެޓްކޮށްފައިވާ "މާލެ ސަރަހައްދު ފުރަ ބަންދުގެ ހާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު" އަށް ރިޔާއަތްކޮށް ކައުންސިލުން ކަނޑައަޅާ އިސްކަންދޭ ތަރުތީބަށް ބަލައިގެންނެވެ.
އެގޮތުން އެފަރާތްތައް ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނުކުރުމަށްޓަކައި ސަރުކާރުން ހަމަޖައްސާފައިވާ 'ފުރަބަންދު ކަރަންޓީނު ފެސިލިޓީ' ތަކުގެ ކެޕޭސިޓީއަށް ބަލައި ކޮންމެ އަތޮޅަކަށްވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ނުވާނެ ގޮތަކަށް ރަށްރަށަށް ގެންދިއުމަށްޓަކައި ޖެންޑާ މިނިސްޓްރީގެ އުސޫލާ އެއްގޮތަށް އެންމެ އިސްކަންދޭ ފަރާތްތައް ކަނޑައަޅަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން ރަށު ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އިސްކަންދޭ ތަރުތީބު ފާހަގަކޮށް ލިސްޓުގައި މިހާރު ތިބި ފަރާތްތަކަށް ވުރެ ހާލަތު ދައްކަމަށް ފާހަގަކުރެވިފައިވާ ފަރާތެއްވާނަމަ އެފަރާތްތަކަށް އިސްކަން ދީގެން ލިސްޓް ތަރުތީބުކުރުމަށް ފަހު، އަތޮޅު ކައުންސިލްތަކުން އެލްޖީއޭ އަށް މެއިލް ކުރުމަށް މިހާރު ވަނީ އެދިފައެވެ.
އަތޮޅު ކައުންސިލްތަކަށް ތަރުތީބުކުރުމަށް ފޮނުވާފައިވާ ލިސްޓް ވަނީ އެލްޖީއޭގެ ވެބްސައިޓުގައި ވެސް އާންމުކޮށްފައެވެ.
މާލެ ސަރަހައްދުގައި ގާއިމުކުރާ ފުރަބަންދު ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ޖާގަ ލިބިފައިވަނީ 500 ފަރާތަކަށް ކަމަށާއި އަދި 500 ޖާގައިގެ ތެރެއިން އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅަކަށް ވެސް ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.
ކުރިއަށް އޮތް ދެ ހަފްތާއަކީ މިބަލީގެ ސާޖަށް މާލެ ދާނެކަމަށް ކަމާބެހޭ ސިއްހީ މާހިރުން ލަފާކޮށްފައިވާތީ، މާލެ ސަރަހައްދުގައި ފުރަބަންދުވުމުގެ ސަބަބުން ރަށްރަށަށް ގެންދާ ފަރާތްތައް ރަށްރަށުގައި ކަރަންޓީނު ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމުގައި ނުވާތީ އެފަރާތްތައް ރަށްރަށުގައި ކަރަންޓީނު ކުރުމަށްޓަކައި އެ ރަށްރަށުގައި 'ފުރަބަންދު މީހުން' ކަރަންޓީނު ކުރުމުގެ މަސައްކަތް އޮތީ މަޑުޖައްސާލައިފައެވެ.
އަދި އެފަރާތްތައް ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނު ކުރުމަށް މިވަގުތަށް ހަމަޖެހިފައި ވަނީ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ކަނޑައަޅާ ހާއްސަ 'ފުރަބަންދު ކަރަންޓީނު ފެސިލިޓީ' ތަކުގައެވެ.
ނަމަވެސް މާލޭގެ ހާލަތު ބަދަލުވުމުން ރަށްރަށުގައި ފުރަބަންދު ކަރަންޓީން ފެސިލިޓީތައް ގާއިމުކޮށް ކައުންސިލްތަކުން އިންތިޒާމް ހަމަޖެއްސޭ ރަށްރަށުގައި ކަރަންޓީން ކުރުމުގެ ސިޔާސަތަށް ބަދަލުގެނައުމާމެދު ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.