ވޮޝިންޓަން (13 މޭ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާ ރައްޔިތުންގެ މެދުގައި ދަށަށްދާން ފަށައިފިކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެއްޖެއެވެ.

ރޮއިޓާސް އާއި އިޕްސޮސް ގުޅިގެން އަންގާރަދުވަހު އެމެރިކާގެ އާންމުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭ އެއްގެ ނަތީޖާ ދައްކާގޮތުން ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ތާއީދު ކުރާނެކަމަށް ބުނެފައިވަނީ 38 އިންސައްތަ މީހުންނެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ޓްރަމްޕާ ވާދަކުރެއްވާނެ ކަމަށް ބެލެވޭ ޖޯ ބައިޑެން އަށް އިންތިޚާބުގައި ތާއީދުކުރާނެކަމަށް ބުނެފައިވަނީ 46 އިންސައްތަ މީހުންނެވެ.

މިއީ މީގެ ދެހަފްތާ ކުރިން ރޮއިޓާސް އާއި އިޕްސޮސް ގުޅިގެން ކުރި ސާވޭއެއްގައި ޓްރަމްޕަށް ލިބުނު ތާއީދަށްވުރެ 4 ޕޮއިންޓް ދަށް ތާއީދެކެވެ. އެހެންކަމުން މިއީ ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކަމުގެ ހެއްކެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖޯ ބައިޑެން

އެމެރިކާގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރެމުންދާއިރު އެ ރޯގާ ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރުވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފައެވެ. ކޮވިޑް-19 ގެ ގާތްގަނޑަކަށް 70 އިންސައްތަ ހުއްޓުމަކަށް އައިސްފައިވާއިރު އެކަމާގުޅިގެން ވަޒީފާ ގެއްލުނު އެމެރިކާ ރައްޔިތުންގެ އަދަދުވަނީ 33 މިލިޔަނަށް އަރާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވަޒީފާ ގެއްލުނު އެމެރިކާ ރައްޔިތުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އަންނަ ނޮވެމްބަރު 3 ގައި އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޖުލައިމަހުގެ ކުރިން އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވިއްޖެނަމަ ރިޔާސީ އިންތިޚާބު ބާއްވާ ދުވަސްވަރު އެމެރިކާގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި ވަޒީފާނެތް މީހުންގެ މައްސަލަ ހައްލުނުވެ އާންމުންގެ ގިނަބަޔަކު ނިކަމެތި ހާލުގައި އުޅެންޖެހޭނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ.

މިފަދަ ހާލަތެއްގައި އެމެރިކާގެ އިގްތިސާދު އޮއްވައި ރިޔާސީ އިންތިޚާބު ބާއްވައިފިނަމަ އެކަމުގެ ނޭދެވޭއަސަރު ޓްރަމްޕްގެ މަގްބޫލު ކަމަށް ވަރަށް ބޮޑަށް ކުރާނެކަމަށް އެފަރާތްތަކުން ބުނެއެވެ. ފާއިތުވި 3 އަހަރު ކުރި އެއްވެސް ސާވޭއަކުން ޓްރަމްޕްގެ މަގްބޫލުކަން ދަށަށް ގޮސްފައެއް ނުވާއިރު އެމެރިކާގައި ކޮވިޑް-19 ފެތުރުމުގެ ކުރިން ޓްރަމްޕްގެ މަގްބޫލުކަން އޮތީ ވަރަށް މަތީގައެވެ.

ކޮވިޑް-19 އާ ގުޅިގެން ޓްރަމްޕާއި އޭނާގެ ސަރުކާރުގެ އިސްވެރިންގެ ޗައިނާއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް މާގިނައިން ދެއްވައި އެކަމުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވަމުން ގެންދަވަނީވެސް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ކޮވިޑް-19 ގެ ސަބަބުން ޓްރަމްޕަށް ގެއްލިގެން ދާނެކަމުގެ ބިރު އިހްސާސް ކުރެއްވިގެން ކަމަށް މުހައްލިލުން ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ ކޮވިޑް-19 އަކީ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރިޔަ ނުދިނުމުގެ ރޭވުމެއްގެ ދަށުން ޗައިނާއިން އެމެރިކާއަށް ދިން ހަމަލާއެއްކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް ކޮވިޑް-19 ޖެހިގެން އެމެރިކާގައި ކޮންމެ ދުވަހަކު ހާހެއްހާ މީހުން މަރުވަމުންދާއިރު އެ ރޯގާ ކޮންޓްރޯލް ކުރުމުގެ މަސައްކަތަށްވުރެ ޗައިނާއަށް ބަހުގެ ހަމަލާދޭން ޓްރަމްޕް ކުރާ މަސައްކަތް ބޮޑުވެއްޖެނަމަ ޓްރަމްޕްގެ މަގްބޫލުކަން އިތުރަށް ގެއްލިގެންދާނެކަމަށް ވަނީ ބެލެވިފައެވެ. ކޮވިޑް-19 އެމެރިކާގެ 1.3 މިލިޔަން މީހުންނަށް ޖެހި އެރޯގާގައި އެމެރިކާގެ 83 ހާސް މީހުންވަނީ މަރުވެފައެވެ. (ނޫސްއެޖެންސީތައް)