ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހއ. އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅުގެ ބައެއް ރަށް ރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ފިއްލަދު އަށް އިއްޔެ ވަޑައިގަތުމުން އެ ރަށުގެ ބަޔަކު ނުރުހުންފާޅުކޮށް އަޑު އުފުލައިފި އެވެ.

ފިއްލަދޫގެ ބަޔަކު ނިކުމެ ރައީސް ނަޝީދު އާ ދެކޮޅަށް އަޑު އުފުލާފައި ވަނީ، ރައީސް ކުއްލި އަކަށް އެ ރަށަށް ވަޑައިގަތީ އަންނަ މަހު 7 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ކަމަށް ބުނެ އެވެ.

އެ ރަށުން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ ލޯކަލް ކައުންސިލްގެ ބައި އިލެކްޝަން ބޯމަތިވެފައި ވަނިކޮށް، ރައީސް ފިއްލަދު އަށް ވަޑައިގެންނެވީ އެމްޑީޕީ ކެންޑިޑޭޓަށް ތާއިދު ހޯދުމަށް ކަމަށާއި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރައީސް ކުރެއްވި ކަމެއް ކަމަށް، މެގަފޯނުން ރައީސާ ދެކޮޅަށް އަޑުއުފުލި މީހުން ގޮވި ކަމަށެވެ.

ރައީސް ނަޝީދާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެ ރަށުގެ، މައިގަނޑުކޮށް އަންހެނުން، ބޯޑްތައް ބޭނުންކޮށްގެން އުފުލި އަޑުތަކުގައި "އެމްޑީޕީ ސަރުކާރަކީ ދިވެހި ރައްޔިތުންގެ ލޭ ބޯ ސަރުކާރެއް" ކަމަށާއި "އެމްޑީޕީ ސަރުކާރަކީ ރާއްޖޭގައި ރާ ވިއްކަން ހުއްދަ ކުރާ ސަރުކާރު" ކަމަށް ޕްލޭ ކާޑްތަކުގައި ލިޔެފައި ހުއްޓެވެ.
ފިއްލަދޫ އެމްޑީޕީ ކައުންސިލް މެންބަރު މުޙަމަދު ފަލާޙް މިއަދު ވިދާޅުވީ ރައީސް ނަޝީދު އެ ރަށަށް ވަޑައިގަތް ވަގުތު ރަށުގެ ބަޔަކު ރައީސާ ދެކޮޅަށް އަޑު އުފުލާފައިވާ ކަމަށާއި އެގޮތުން ''ބައެއް މީހުން ރައީސް ނަޝީދުގެ ފަތްޕުޅުން އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލަމުން އައިސްފައިވާ'' ކަމެށެވެ.

އަދި އޭނާ ވިދާޅުވީ އެ މީހުން ރައީސް ނަޝީދުގެ އިސްތިއުފާ އަށް ވެސް ގޮވި ކަމަށެވެ. --