13 May 2020, 18:45
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ޓެނިސް ކުޅުންތެރިންނަށް އެހީވުމުގެ ގޮތުން ހުޅުވާލި ރިލީފް ފަންޑަށް ހަ މިލިއަން ޑޮލަރު އެއްކޮށްފި އެވެ.
ދުނިޔޭގެ ޓެނިހާ ބެހޭ މައި އިދާރާއިން ހުޅުވާލި މި ފަންޑަށް އެންމެ ބޮޑަށް އެހީވެފައިވަނީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ޓޮޕް ތިން ކުޅުންތެރިން ކަމަށްވާ ނޮވަކް ޖޮކޮވިޗްއާއި ރޮޖާ ފެޑެރާގެ އިތުރުން ރަފައެލް ނަޑާލް އެވެ. އެކަމަކު ދާދި ފަހުން އޮސްޓްރޭލިއަން އޯޕަންސްގެ ރަނަރަޕްކަން ހޯދި ޑޮމިނިކް ތިއެމް ވަނީ މިފަންޑަށް އެހީވުމަށް ދެކޮޅު ހަދައިފަ އެވެ.
ކޮރޯނާ ވައިރަހުގެ ސަަބަބުން ޓެނިސްގެ ބޮޑެތި ހުރިހާ މުބާރާތްތަކެއ ފަސްކޮށްފައިވާ އިރު، މިއަހަރުގެ ވިމްބްލެޑޮން ޓެނިސް އޯޕަންސް ވަނީ ކެންސަލް ކޮސްފަ އެވެ. އަދި ޔޫއެސް އޯޕަން އާއި ފްރެންޗް އޯޕަން ވަނީ މިއަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ.
އެކަމަކު ޓެނިހުގެ މުބާރާތްތައް މެދުކަނޑާލުމުން ގިނަ ކުޅުންތެރިންތަކެއް ވަނީ މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. މުބާރާތްތަކުން ހޯދާ ޕްރައިޒް ފައިސާއިން ދިރިއުޅުން ބިނާކޮށްފައި ގިނަ ކުޅުންތެރިންތަކެއް ތިބި އިރު މި ކުޅުންތެރިންނަށް އެހީވުމުގެ ގޮތުން ހުޅުވާލި ފަންޑަށް ގިނަ އަދަދެއްގެ އެހީ ދަނީ ލިބެމުންނެވެ.
އެގޮތުން މިހާރު ލިބިފައިވާ ހަ މިލިއަން ޑޮލަރު އެހީ، މިވަގުތު ދަތިތަކާ ކުރިމަތިލާން ޖެހިފައި ތިބި 800 އަށް ވުރެން ގިން ޓެނިސް ކުޅުންތެރިންނަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި ފައިސާ ދިނުމުގައި ކުޅުންތެރިންގެ މާލީ ހާލަތާއި، ދުނިޔޭގެ ރޭންކިންގްއަށް ބަލާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ގައުމުތަކުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް މަޑު މަޑުން ނަގަމުންދާއިރު ޓެނިސް މުބާރާތްތައް ބޭއްވުމަށް މަޝްވަރާ ކުރާތީ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަހަރެންނަށް އިނގޭ ހުރިހާ ޓެނިސް ކުޅުންތެރިން ވެސް ތިބީ ކޯޓަށް އަރައި، ކުޅެން ތައްޔާރަށްކަން. އެކަމަކު މިވަގުތު އެއަށްވުރެން މުހިއްމު ގިނަ ކަންތައްތަކެއް މިއޮތީ ކުރިމަތިވެފައި،" މުރޭ ބުންޏެވެ.
މުރޭ ބުނީ، ފުރަތަމަ ކަމަކަށް އެންމެ މުހިއްމީ އާއްމު ހާލަތަކަށް ދިރިއުޅުން ގެންދިއުން ކަމަށެވެ.