13 May 2020, 18:49
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި ހާލުގައި ޖެހެމުންދާ އައިލާތައް މަދެއް ނޫނެވެ. އަދި މިހާލަތުގައި ރަމަޟާން މަސް އައުމަކީ އެތައް ބަޔަކަށް އިތުރު ދަތިތަކެއް ކުރިމަތިވެދާނެ ކަމަކަށް ވެދާނެއެވެ. މިހާލަތުގައި ރޯދަ ވީއްލުމަށްވެސް ދަތި އެތައް ބަޔަކު ތިބޭނެއެވެ. އެހެންކަމުން އެ ފަރާތްތަކުންނަށް އެހީގެ އަތެއް ދިއްކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެފަރާތްތަކަށް އެހީތެރިވުމަށް މަމްސް އެންޖީއޯ އިން ދާދި ފަހުން ވަނީ ހާއްސަ ހަރަކާތެއް ފަށާފައެވެ. އެއީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.
މަންމައިންނާއި އަންހެނުން އަދި އާއިލާތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ހިންގަމުން އަންނަ މަމްސް އެންޖީއޯ އާއި ޕިކްލްސް ރެސްޓޯރެންޓް ގުޅިގެން ވަނީ "އެންމެން އެކުގައި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ދާފި ފަހުން ފަށާފައެވެ. އެއީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީގެ އަތެއްގެ ގޮތުގައި ރޯދަވީލުމެއް ނުވަތަ ހާރު ކެއުމެއް ހަމަޖައްސައިދިނުމެވެ. ނަމަވެސް މި ހަރަކާތަކީ އާންމުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ހަރަކާތެކެވެ.
ސަން އަށް މިއަދު މައުލޫމާތު ދެއްވަމުން މަމްސް އެންޖީއޯގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ރިޔާޝާ ވިދާޅުވީ އިއްޔެ ފަށާފައިވާ އެ ޕްރޮގްރާމަކީ "ސްޕޮންސާ އަ މީލް" ޕްރޮގްރާމް އެއް ކަމަށެވެ. އެގޮތުން އާންމުންގެ ފަރާތުން ލިބޭ ޑޮނޭޝަންގެ އެހީގައި ޕިކްލްސް ރެސްޓޯރެންޓް މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިފްތާރު އަދި ސުހޫރު ޕެކޭޖް ޑޮނޭޓް ކުރެވޭނެ ކަމަށް ރިޔާޝާ ވިދާޅުވިއެވެ.

މަމްސް އެންޖީއޯ އާއި ޕިކްސްލް ރެސްޓޯރަންޓް ގުޅިގެން ހިންގާ "އެންމެން އެކުގައި" ޕްރޮގްރާމްގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ----
"ޕިކްލްސް ރެސްޓޯރެންޓް އިން ވަނީ ވަރަށް ކުޑަ ރޭޓެއްގައި އިިފްތާރު އާއި ސުހޫރު ހަމަޖައްސައިދިނުމުގެ ޕެކޭޖުތަކެއް ކަނޑައަޅާފައި،" އޭނާ ވިދާޅުވިއެވެ.
އެގޮތުން އާންމުންނަށް އެންމެ 50 ރުފިޔާ ޑޮނޭޓްކޮށްގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެއިން ޕެކޭޖެއް ހަމަޖެއްސޭނެ އެވެ.
ރޯދަ ވީއްލުމާއި ހާރު ހަމަޖައްސައި ފޮނުވާއިރު، ހާލުގައި ޖެހިފައި ނުވަތަ ވަލްނަރަބަލް އާއިލާތަކުގެ ހާއްސަ ލިސްޓެއް މަމްސް އެންޖީއޯއިން ވަނީ އެކުލަވާލާފައެވެ. އެގޮތުން އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޑޮނޭޝަން މެދުވެރިކޮށް ރޯދަ ވީއްލުމުގެ ޕެކޭޖްތައް ހަމަޖެހިގެން ދާނެއެވެ.
"ޑޮނޭޓް ކުރާއިރު އަޅުގަނޑުމެން ބަލާނަން އެ ގެއެއްގައި ނުވަތަ އާއިލާގެ ތިބީ ކިތައް މީހުންތޯ. އެއަށްފަހު އެއިން ކޮންމެ ފަރާތަކަށް މީލް ޕްލޭން އެއް ޑެލިވާ ކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ.
އެގޮތުން ރޯދަވީއްލުމެއް ނުވަތަ ހާރަށް ބޭނުންވާ މީލް ޕްލޭން، އެ އާއިލާއެއްގެ އުމުރުން ތިން އަހަރުން މަތީ ކޮންމެ ފަރާތަކަށްވެސް ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަމްސް އެންޖީއޯގެ ވަލްނަރަބަލް އާއިލާތަކުގެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކަށް ޕްލޭން ހަމަޖައްސައިދޭއިރު އެ ލިސްޓުގައި ނަން ހިމެނުމުގެ ފުރުސަތުވެސް އެބައޮތެވެ. އެގޮތުން އެފަރާތަކަށް ގުޅުމަށްފަހު ރެޖިސްޓާ ކުރުމުން މަމްސް އެންޖީއޯއިން އެ ފަރާތެއް ބަލައި ޗެކު ކުރާނެ ކަމަށް ފިރާޝާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމް ފެށިތާ މާ ގިނަ ދުވަހެއް ނުވި ނަމަވެސް އެ ޕްރޮގްރާމަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ. އެގޮތުން މިހާތަނަށްވެސް ވަނީ 400 މީލް ޕެކޭޖް ތައްޔާރު ކުރެވޭނެ ވަރަށް ޑޮނޭޝަން ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕްޝަން..
ފިރާޝާގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ބަޔަކު އެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. "އެންމެން އެކުގައި" ހާލުގައި ޖެހިފައި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރިޔާޝާގެ ބޮޑު އެދުމެކެވެ.
އެގޮތުން މަމަސް އެންޖީއޯ އާއި ޕިކްލްސް މެދުވެރިކޮށް އިފްތާރު ނުވަތަ ސުހޫރު ސްޕޮންސާ ކުރުމަށްޓަކައި 9899926 ނުވަތަ 9914433 ގުޅާލާށެވެ. ނުވަތަ މަމްސް އެންޖީއޯ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށްވެސް މީލް ޕްލޭން އެއް ސްޕޮންސާކުރުމަށް މައުލޫމާތު ސާފުކުރެވޭނެއެވެ.