25 Dec 2011, 12:27
އުތުރުކޮރެއާގެ ޒައީމް ކިމްޖޮން އިލް އަވަހާރަވުމާ ގުޅިގެން ދެކޮރެއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް ދެކުނުކޮރެއާގެ ބަޔަކު އުތުރުކޮރެއާ އަށް ހަދިޔާތަކެއް ފޮނުވައިފި އެވެ.
އިސްޓާކީނާއި އެނޫން ވެސް ބައެއް ހަދިޔާތަކާ އެކު ބޮޑު ހަތަރު ފުއްޕާހަމުގައި އެލުވާފައި ދެކުނު ކޮރެއާ މީހުން ފޮނުވި ޕާރުސަލްތަކުގައި އުތުރުކޮރެއާ ސަރުކާރާ މެދު ނުރުހުން ފާޅުކޮށް ލިޔެފައިވާ މެސެޖްތައް ވެސް ވަނީ ހިމަނާފަ އެވެ.
އެމެރިކާ އާއި ޖަޕާނާއި ދެކުނު އެފްރިކާގެ ސަޕޯޓަރުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ މިހަރަކާތުގައި މީގެ ކުރިން ވެސް ހަދިޔާ އާއި މެސެޖްތައް އެކުލެވޭ ޕާރުސަލްތައް ފުއްޕާ ހަމުގެ އެހީގައި އުތުރުކޮރެއާ އަށް ވަނީ ފޮނުވައިފަ އެވެ.
ކޮރެއަން ޕެނިންސިއުލާ އިންޓަނޭޝަނަލް ޕީސް އޯގަނައިޒޭޝަން ނަމަކަށް ކިޔާ ޖަމާއަތެއްގެ 50 މެމްބަރުން ހިންގި ހަރަކާތުގައި ފުއްޕާހަންތައް ދޫކޮށްލާފައި ވަނީ ދުނިޔޭގެ ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕަޖޫ ނަމަކަށް ކިޔާ ރަށުގެ ރަށްބޭރުންނެވެ. މިއީ އުތުރުކޮރެއާގެ ރުޅިވެރިކަން އިތުރުވާނެ ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.
އުތުރުކޮރެއާގެ ލީޑަރު އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ގިނަ ބަޔަކު ހިތާމަކުރަމުންދާ ދުވަސްވަރެއްގައި ޖެއްސުން ކުރުމުގެ ގޮތުން ހިންގާ މިހަރަކާތް ހުއްޓުވުމަށް ދެކުނުކޮރެއާ ސަރުކާރުން ހުއްޓުވާފައެއް ނުވެ އެވެ.