ނިއުދިއްލީ (13 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން އިންޑިއާގެ ރައްޔިތުންނަށާއި ކުންފުނިތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށްޓަކައި 20 ޓްރިލިޔަން އިންޑިއާ ރުޕީސް ގެ ޕެކޭޖެއް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ.

މި ޕެކޭޖް އިއުލާން ކުރުމުގެ ގޮތުން ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ބޮޑުވަޒީރު ނަރަންދްރަ މޯދީ ވިދާޅުވީ މިއީ މާލީ ރެސްކިއު ޕެކެޖެއް ކަމަށާއި މިޕެކެޖުގެ ސަބަބުން އިންޑިއާގެ އިގްތިސާދު އިނދަޖެހުމުން ސަލާމަތްވެ އިގްތިސާދީ ގޮތުން އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ފުރުސަތު އިންޑިއާއަށް ލިބިގެންދާނެ ކަމުގައެވެ. ޕެކެޖްގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުން އިންޑިއާގެ ރައްޔިތުންނާއި ކުންފުނިތައް ސަލާމަތް ކުރުންކަމަށްވާތީ މި ޕެކެޖަށް ތައްޔާރު ވުމުގެ ގޮތުން އިގްތިސާދު ހިފެހެއްޓޭނެ ގޮތްތައް ބަލައި ދިރާސާކޮށްފައިވާނެކަން މޯދީ ހާމަކުރެއްވިއެވެ.

20 ޓްރިލިޔަން ރުޕީސް (ގާތްގަނޑަކަށް 260 ބިލިޔަން އެމެރިކާ ޑޮލަރު) ގެ މި ޕެކެޖަކީ އިންޑިއާގެ ތާރީޚުގައިވެސް ސަރުކާރުން އިއުލާންކުރާ އެންމެ ބޮޑު މާލީ ޕެކެޖްކަމަށް މޯދީ ވިދާޅުވިއެވެ. މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ޕެކެޖެއް އިއުލާނުކޮށްފައިވަނީ ޖަޕާނުންނެވެ. އެއީ އެއް ޓްރިލިޔަން ޑޮލަރުގެ ޕެކެޖެކެވެ.

ދުނިޔޭގެ ހަތްވަނަ އިގްތިސާދު ކަމަށްވާ އިންޑިއާއިން އިއުލާނުކުރި މިޕެކެޖަކީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގައި މިހާތަނަށް އިއުލާނުކުރި ދެވަނައަށް އެންމެ ބޮޑު ޕެކެޖްކަމަށާ މިއީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ އިގްތިސާދު ހުއްޓިފައިވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޕެކެޖުން ފައިސާ ދޭނެ ފަރާތްތަކާއި އޭގެ ތަފްސީލް އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރަމަން ވަރަށް އަވަހަށް ދެއްވާނެކަމަށް މޯދީ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު ދިގުކުރުމާ ގުޅިގެން އިންޑިއާގެ އިގްތިސާދުގެ ގާތްގަނޑަކަށް 80 އިންސައްތަ އާއި 90 އިންސައްތަ ހަރަކާތްތައްވަނީ ހުއްޓިފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންނާއި ކުދި ވިޔަފާރިވެރިން އިނދަޖެހިފައިވާއިރު މެދުފަންތިއާއި މަތީފަންތީގެ ކުންފުނިތަކާއި ވިޔަފާރިވެރިންވެސްވަނީ އިނދަޖެހުމުގެ މަގުމަތީގައެވެ. އަދި ދުވަހުން ދުވަހަށް ކުރާ މަސައްކަތުން އާމްދަނީ ހޯދާ މީހުން ހާލުގައިޖެހި ހައިހޫނުކަން ތަހައްމަލް ކުރަން ޖެހިފައިވާތީ އިންޑިއާ ސަރުކާރުންވަނީ އެމީހުންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

އިންޑިއާގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން މުއްދަތު މޭ 17 ގައި ހަމަވާއިރު މޯދީ ވަނީ، ބައެއް ދޫތަކާއެކު ލޮކްޑައުން މުއްދަތު އިތުރަށް ދިގުދަންމަން ގަސްދުކުރާކަން އިއުލާން ކުރައްވާފައެވެ. އިންޑިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 75 ހާހާ ގާތްކުރާއިރު 2400 އަށްވުރެ ގިނަ މީހުން އެ ރޯގާގައި މަރުވެފައިވެއެވެ.

އިންޑިއާއަކީ އާބާދީގެ ނިސްބަތުން ކޮވިޑް-19 އަށް ޓެސްޓް ކުރާ ނިސްބަތް އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެންކަމުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަގީގީ އަދަދު އިންޑިއާގައި އެތަށް ގުނައެއް މަތީގައި އުޅޭނެކަމަށް އެގައުމުގެ ސިއްހަތާބެހޭ ތަޖްރިބާކާރުން ލަފާކުރައްވައެވެ. (ނޫސްއެޖެންސީތައް)