13 May 2020, 14:59
މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދިރިއުޅޭ ތަނުގެ ކުލި ދެއްކުމަށް ދަތިވާ ފަރާތްތަކަށް ސަރުކާރުން އެލަވަންސެއް ދިނުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު ފާހެއް ނުވި އެވެ.
ޝިޔާމް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ، އިޖުތުމާއީ ކޮމެޓީން ސަރުކާރަށް ހުށަހަޅަން ނިންމާފައިވާ ރިޕޯޓަށެވެ.
ޝިޔާމް ވަނީ ދެ ނުކުތާގެ މައްޗަށް ހިމެނޭ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން ފުރަތަމަ ނުކުތާއަކީ، ކޮވިޑް-19އާ ގުޅުގެން ކުލި ދެއްކުމަށް ދަތިވެ ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ 7000 ހައުސިން ޔުނިޓްގެ ވެރިފަރާތްތަކަށް އެތަންތަނަށް ވަދަވޭނެ ގޮތް ހެދުމެވެ.
ދެވަނަ އިސްލާހަކީ، ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުލި ދެއްކުމަށް ދަތިވާ ފަރާތްތައް ދެނެގަނެ ކުލި ދެއްކުމަށް އެލަވަންސެއް ހަމަޖައްސައިދިނުމަށް ޝިޔާމް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.
ނަމަވެސް އެ އިސްލާހު ފާހަށް ނުވި އެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. ދެކޮޅަށް 51 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އެ އިސްލާހު ފާސްވުމަށް މަދުވެގެން 31 މެންބަރުންގެ ވޯޓު ބޭނުންވާނެ އެވެ.
ޝިޔާމްގެ އިސްލާހު ފާސް ނުވި ނަމަވެސް ހަތް ނުކުތާގެ މައްޗަށް އެކުލެވޭ އެ ރިޕޯޓް ވަނީ 66 މެންބަރުންގެ ވޯޓުން ފާސްވެފަ އެވެ.
ކޮމެޓީ ރިޕޯޓް ގައި ފާހަގަކޮށްފައިވާ ހަތް ނުކުތާ:
އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށް.
- މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން ޢަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓާ މެދުވެރިކޮށް ބަލަމުންގެންދިއުމަށް.
- މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށާއި، އެފަރާތްތަކުން މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާނަމަ، ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށް.
- ސްކޫލްތައް ބަންދުވެފައިވާ ޙާލަތުގައި މެދުކެނޑުމެއްނެތި ތަޢުލީމުގެ ފުރުސަތު ކަށަވަރުކޮށްދިނުމައްޓަކައި މިޙާލަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތަޢާރުފްކޮށްފައިވާ އޮން-ލައިން ޕޮރޮގްރާމްތަކާއި 'ޓެލެކްލާސް' ކުރިޔަށް ގެންދިޔުމަށް.
- މާލެއާއި އަތޮޅުތެރޭގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ތަފާތު ކުރުމެއްނެތި މިފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސްކޫލް ކުދިންނަށް ހާއްސަ އިންޓަރނެޓް ޕެކޭޖްތަކެއް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް.
- ފުރަބަންދުގައިވާ ހާލަތުގައި އަދި ވަކިން ހާއްސަކޮށް މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަނުދިނުމަށްޓަކައި ސަރުކާރާ، ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް.
- އެޗް.ޕީ.އޭގެ އިރުޝާދުގެ ދަށުންމެނުވީ މިސްކިތްތަކާ ޕާކުތައްފަދަ އާންމުން އެއްވާ ތަންތަން، ޢާންމު ބޭނުންތަކަށް ހުޅުވާ ނުލުމަށް.
ކޮމިޓީގެ ހުށަހެޅުންތަކުގެ އަމާޒަކީ، ކޮވިޑް-19އާ ގުޅިގެން ތައާރަފްކުރާ މޮރިޓޯރިއަމް ފެކޭޖްތަކަކީ، އިގްތިސާދަށް ހެޔޮބަދަލެއް އަންނާނެ ފަދަ ގޮތަކަށް ބައްޓަންވެފައިވާ ޕެކޭޖުތަކަކަށްވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބުން ޔަގީންކުރުމާއި، ތައުލީމީ ނިޒާމު ހަރުދަނާވުމާ، ރައްޔިތުންގެ މެދުގައި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ރައްޔިތުންނަށް ދިމާވަމުންދާ އެކި ކަހަލަ ދަތިތައް ލުއިވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ރަނގަޅަށް ތަންފީޒުކުރެވޭނެގޮތެއް މަގުފަހިކުރުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.