މާލެ ފުރަބަންދުކޮށްފައި އޮތް ނަމަވެސް ރޯގާ ދަނީ ފެތުރެމުން ކަމަށާއި އަދި ފެންނަ ފެނުމުގައި ކޮވިޑް-19 ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ރަށަށް ނުދެވޭގޮތަށް މާލޭގައި ގިނަ ބަޔަކު ތާށިވެފައި ތިބުމާއި އެމީހުން ރަށަށް ފޮނުވަން ސަރުކާރުން ގެންގުޅެ އުސޫލަށް ފާޑު ވިދާޅުވަމުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑްގެ ރޯގާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޖެހޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށާއި މިއަދުވެސް އެ ވާހަކަ ތަކުރާރު ކުރައްވާ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން އަރިހުގައި ދަންނަވަނަޖެހެނީ މިކަމާ ބެހޭ މާހިރުން ތިބީކީ ހަމައެކަނި ދިވެހިރާއްޖެއަކު ނޫން. އަދި މިކަމާ ގުޅޭ މާހިރުންނަކީ އަޅުގަނޑުމެންވެސް ގައުމުތަކުގައި ގާތް ތިމާގެވެސް މީހުން. އަޅުގަނޑުމެންނަށްވެސް މި ވާނުވާ އެބަ އެނގޭ. މިތަނުގައި މިގޮތަށް މިކަން ކުރިއަށް ގެންގޮސްގެން އަޅުގަނޑަށް އެންމެ ސާފުކޮށް ފެންނަނީ ބެދޭ މަޅިއެއް ނުފެންނާނެ ބުނާ ހަރުބަސް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލޮކްޑައުންއަށް ދިޔައީ ކޮވިޑް ފެތުރިދާނެ ކަމަށް ބުނެ ގައިދުރުވުމަށްޓަކައި ކަމަށެވެ. އެކަމަކު ބަންދުގައި ތިއްބާވެސް "ރޯގާ ދަނީ އިންތިހާއަށް ފެތުރެމުން" ކަމަށް ވިދާޅުވި އެވެ.

"އަދި ފެންނަ ފެނުމުގައި މި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ." ނަޝީދު ވިދާޅުވި އެވެ.

އެހެންވީމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި އެ ރޯގާއަށް ފަރުވާ ލިބޭނެ ގޮތް އިންތިޒާމު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިންތިޒާމުތައް ހަމަޖެހިފައި ހުރި ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހެލްތް ސެންޓަރުތަކުން ކޮވިޑަށް ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮންނަ ކަމަށާއި ނަމަވެސް އެ ގާނޫނުގައި ބުނެފައިވާ ލާމަރުކަޒީ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް އަދިވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެކުލަވާލާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކީއްވެތޯ ރަށްރަށުގެ ރައްޔިތުން ކޮރަންޓީނު ކުރުމަށް ނުގެންދަވަނީ. އެމީހުން ރަށަށް ދިއުމަށްޓަކައި ކޮރަންޓީނު ކޮށްފައި އާއިލާތަކާއި ހަމައަށް ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތީ. އެއަށްވުރެ މާ ދަތި އިންތިޒާމެއް ހަމަޖައްސަމުން ތިޔަ ގެންދަވަނީ ކީއްވެގެންތޯ. އެއީ އަޅުގަނޑުމެން އެންމެ ސާފުކުރަން ޖެހޭ ކަމެއް." ނަޝީދު ވިދާޅުވި އެވެ.

މާލޭގައި ތާށިވެފައި ރަށަށް ދާން ބޭނުންވެފައި 10،000 ވަރަކަށް މީހުން ތިބި ކަމަށް އެމަނިކުފާނު ފާހަގަ ކުރައްވަމުން ވިދާޅުވީ އެމީހުން ރަށަށް ދިޔަ ނަމަވެސް ނުދިޔަ ނަމަވެސް ރައްތަކަށް ރޯގާ ފެތުރޭނެ ކަމަށެވެ. ރައްތަކަށް ރޯގާ ފެތުރެން އޮންނަނީ އެންމެ ގޮތެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"100 ޕަސެންޓްގެ މިންވަރަށް ރޯގާ ފެތުރުނަ ނުދިނުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅައިފި ނަމަ ދެން ހަދާން ޖެހޭނެ ގޮތަކީ ދިވެހިރާއްޖޭގެ ފަސްލައްކަ ރައްޔިތުން ކުޑަގޮޅިއަށް ލާން ޖެހޭނީ. އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ މުޅި މުސްތަގުބަލު ބަރުބާދުވެގެން ނުދާނެ ގޮތަކަށް ކޮވިޑް ރޯގާއިން ސަލާމަތްވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރަށްރަށުގައި ކަރަންޓީނު ކުރާނެގޮތް ހަމަޖައްސާފައި އެރަށްރަށުގެ މީހުންނަށް އެރަށްރަށުގައި ކަރަންޓީނުވެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.