ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ގެންދިޔުމަށް ބޭއްވި ހާއްސަ ދަތުރުތަކުގައި ގެންދިޔަ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއިން އެނބުރި ދިޔަ ދެ މީހަކު ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިއްޔެ ކުރި ޓެސްޓުތަކުންނެވެ. މި ދެމީހުންނަކީ އިންޑިއާގެ ޓްރިޗީ އަށް ނިސްބަތްވާ ދެމީހުން ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. މި ދެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ޓައިމްސް އޮފް އިންޑިއާ އިން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން 900 އަށް ވުރެ ގިނަ މީހުން އިންޑިއާގެ އަސްކަރީ މަނަވަރުގައި ވަނީ ގައުމަށް ގެންގޮސްފަ އެވެ. އެނބުރި އިންޑިއާއަށް ދާ މީހުން ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެ އެވެ. އެނބުރި އެމީހެއްގެ ސިޓީ އަށް ދެވޭނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު އެވެ.

މިދިޔަ އާދިއްތަ ދުވަހު އަދި ހުކުރު ދުވަހުވެސް އިންޑިއާގެ އަސްކަރީ މަނަވަރުގައި އެގައުމުގެ ރައްޔިތުން އެނބުރި ގޮސްފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވް ވީ ސީދާ ކޮން ދުވަހަކު ދިޔަ ބަޔެއްކަމެއް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައެއް ނުވެއެވެ.

އިންޑިއާގެ މަނަވަރުތަކުގައި ގެންގޮސްފައިވަނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނެވެ.

ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ނިއުދިއްލީ، ޗެންނާއީ، މުމްބާއީ އަދި ބެންގަލޫރަށް ހާއްސަ ފްލައިޓުތަކެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާމް ބޭނުންވާ މީހުން ގެންދިޔުމަށް އަންނަ ހުކުރު ދުވަހު އިތުރު ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ބާއްވާ މި ދަތުރުގައި ގެންދާނީ ހަމައެކަނި ކެރެލާ ސްޓޭޓަށް ނިސްބަތްވާ މީހުން އެކަނި ކަމަށާއި މި ދަތުރުގައި ގެންދާ މީހުންނަކީ އެނބުރި ގައުމަށް ދިޔުމަށް ބޭނުންވެ، ހައިކޮމިޝަނުގައި މިހާރުވެސް ރެޖިސްޓްރީ ކޮށްފައިވާ މީހުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 904 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 72 މީހަކު ހިމެނެއެވެ.