13 May 2020, 13:52
އެމެރިކާގެ ކެލިފޯނިއާގެ ޓާގެޓް ފިހާރައަކަށް ދިޔަ ދެ ކަސްޓަމަރަކު މާސްކް ނޭޅުމުގެ ސަބަބުން ފިހާރައިގެ މުވައްޒަފާ ދެމެދު ޖެހުނު ހަމަނުޖެހުމެއްގައި މުވައްޒަފަށް ހަމަލާ ދީ ދެމީހަކު ފިލި މައްސަލައެއް ބަލަން ފަށައިފި އެވެ.
މި މަހުގެ ކުރީކޮޅުގައި ކެލިފޯނިއާގެ ވެން ނުނީ ސަރަހައްދުގެ ޓާގެޓަކަށް ދެމީހަކު ވަންނަން އުޅުމުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފެއް ވަނީ އެ ދެމީހުން މަޑުކުރުވާފައެވެ. އަދި އެއަށްފަހު މާސްކް ނާޅާ ތިބުމުން އެމީހުންނަށް މާސްކް އެޅުމަށް އެދުނެވެ. ނަމަވެސް އެ ދެމީހުން ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފައެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ހޫނުވުމުން އިތުރަށް އެ މައްސަލަ ހައްލުކުރުމަށް މުވައްޒަފު މަސައްކަތްކުރި ކަމަށެވެ. އެހެންނަމަވެސް އެތަނުން އެކަކު އެ މުވައްޒަފު ގައިގައި ޖެހީ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެމީހުން އަނިޔާކޮށް މުވައްޒަފުގެ އެއް އަތް ބިންދާލާފައިވާ ކަމަށް ސީސީޓީވީ ފުޓެޖް އިން ފެނިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިހާރު ދެ މީހުންނަކީ ކޮންބައެއްކަން ހޯދާފައެވެ. އެގޮތުން އެ ހާދިސާ އާ ގުޅިގެން ހޯދަމުން ދިޔައީ އުމުރުން 31 އަހަރު ފިލިޕް ހެމިލްޓަން ނަމަކަށް ކިޔާ މީހަކާއި 29 އަހަރުގެ ޕޯލް ހެމިލްޓަން ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެމީހުންވެސް ވަނީ ދާދި ފަހުން ހައްޔަރުކޮށްފައި ކަމަށެވެ. އެހެންނަމަވެސް މިހާރު ދެ ދެމީހުންވެސް ވަނީ 50،000 އެމެރިކާ ޑޮލަރުގެ ބެއިލް އަކުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.