25 Dec 2011, 12:19
ގދ. ތިނަދޫގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ހަދަމުންދާ ގެއެއްގެ ބެރިއެއްގައި ޖެހި، އެސައިކަލް ދުއްވަން އިން ޒުވާނާގެ އަތާއި ފައި ބިނދުމުގެ ސަބަބުން އިތުރަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި އެ އެކްސިޑެންޓްގައި އަތާއި ފައި ބިނދިފައި ވަނީ އެ ސައިކަލް ދުއްވަން އިން އެ ރަށު ނަޖުމުއްﷲ ހަސަން 21،ގެ ކަމަށާއި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލްގެ ފަހަތުގައި އިން ޒުވާން އަންހެން ކުއްޖަކަށް ވެސް ކޮންމެ ވެސް ވަރެއްގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ރަށު ޕޮލިސް ސްޓޭޝަން ހުންނަ މަގުން ސައިކަލް ދުއްވާފައި ދަނިކޮށް، ކޮންކްރީޓް ބެރީއެއްގައި ޖެހިގެން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ތިނަދޫ ހޮސްޕިޓަލްގެ ޑެޕިއުޓީ މޭނޭޖަރު ޖީޒާ ހަސަން މިއަދު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ޒުވާން ފިރިހެން ކުއްޖާގެ ވައަތު ފަޔާއި ކަނާތް ބިނދިފައިވާ ކަމަށާއި އަދި އެ ރަށު ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތުމުގެ ސަބަބުން މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ އަށް އިތުރަށް ފަރުވާދިނުމަށް ޓަކައި މާލެ ގެނެސްފައިވާ ކަމަށެވެ. ޖީޒާ އަދި ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާ އަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.
"ޒުވާން ފިރިހެން ކުއްޖާގެ ވައަތުގެ ފައިގެ ކުޑަ ހުޅުން މަތިން ކަށިކޮޅެއް ވަނީ ބިނދިފައިވާ ކަމަށާއި އަދި އަތުގެ އޮޅަބޮއްޓާއި ކޮނޑުހުޅާ ދެމެދުން ކަށިކޮޅެއް ބިނދިފައިވާތީ މާލެ ފޮނުވާލީ،" ޖީޒާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ތިނަދޫ އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.