13 May 2020, 12:59
ގެއްލިފައި ހުންނަ ބޭންކު ކާޑުތަކުން ވިޔަފާރި ކުރުން މިފަހުން އާންމުވެފައިވާތީ، އެކަމަށް ކަސްޓަމަރުން ސަމާލުވެ ތިބުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ ހަނދާން ނެތި އޭޓީއެމްއަށް ދޫކޮށްލާފައި ދެވޭ ވިސާ ޑެބިޓް ކާޑުތަކުން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ.
ވަގުންނަށް އެހާ ފަސޭހަ ނުކޮށްދިނުމަށާއި އޭޓީއެމްގައި ކާޑު ބޭނުން ކުރުމަށްފަހު ކާޑު އަނބުރާ ގެންދަން ހަނދާން ކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
މީގެ އިތުރުން މިފަހަކަށް އައިސް ކާޑުން ފައިސާ ދައްކަން ކާޑު މެޝިނަށް ކާޑު ޖެހުމަށް ފަހު ފައިސާ ނުކެނޑެނީސް ކާޑު ދަމައިގަނެ ފިހާރައިން ނިކުމެގެންދާ މައްސަލަ ހުށަހެޅެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަން ހުއްޓުވުމުގެ ގޮޔުން ކާޑުން ފައިސާ ކެނޑުމުން ނޫނީ ކަސްޓަމަރުންނަށް މުދާ ހަވާލު ނުކުރަން ފުލުހުން ވަނީ އިރުޝާދު ދީފަ އެވެ.