13 May 2020, 12:36
ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލައިފިނަމަ އެ ގައުމެއްގެ މާޒީ އެކީގައި ދިޔައީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭގޮތް ހެދުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވީ ބިލު ވަނީ ބޭރުކޮށްލާފަ އެވެ. އެ ބިލު ބޭރުކޮށްލާފައި ވަނީ ފައިސާއާ ބެހޭ ބިލު ހުށަހެޅޭނީ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވާތީ، އެ ބިލު މަޖިލީހުގެ ގަވައިދާ ހިލާފު ވެގެންނެވެ.
އެ ބިލު ބޭރުކޮށްލުމުން އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ބިލު ބޭރުކޮށްލީ މަޖިލިސް ގަވައިދާ ހިލާފުވުމުން ކަމަށެވެ. އަދި ޕެންޝަން ފަންޑުގައި އަތްލަން ނުޖެހޭނެ ކަމަށާއި ދައުލަތުގައި ހަރަދުކުރާނެ ފައިސާ ހުރިކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ ވިދާޅުވާ ހުރިހާ ކަންތަކެއް ކުރުމަށް ދައުލަތުގެ ފައިސާ އެބަހުރި. އަދި ސަރުކާރުގެ ފައިސާ އެބަހުރި. އިއްޒަތްތެރި މެމްބަރަށްވެސް އެނގިވަޑައިގަންނަވާނެ އެ ފައިސާ އެބަހުރިކަން. އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްގެން ފައިސާ އުފައްދާފައި. ޕެންޝަން ފަންޑުގައި އަތްލާކަށެއް ނުޖެހޭނެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމާ އެ ދެން މާޒީ އެކީގައި އެގައުމެއްގެ ދިޔައީ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގަން އެއްބަސްވުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ.
ކޮވިޑް ރޯގާ އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތާއި ވަޒީފާ ގެއްލި މީހުންގެ އާމްދަނީ ހުއްޓުމަކަށް އައިސްފައިވާތީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެ ގޮތެއް ހޯދައި ދިނުމަށް ބައެއް ފަރާތްތަކުން ދަނީ އެދެމުންނެވެ. ސަރުކާރުން ބުނެފައިވަނީ އެއްވެސް ގޮތެއް އޮތްނަމަ ޕެންޝަން ފަންޑުގައި އަތްނުލާނެ ކަމަށެވެ.