13 May 2020, 12:32
ބަނގުރާލާ އެކު ބޭއްވި ޕާޓީކުރުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވި ކަމަށް ބުނެ ޝޯޝަލް މީޑިއާއަށް ލީކްކޮށްލާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ޕީއެންސީގެ ފަރާތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކިބައިން ރަސްމީކޮށް އެދިއްޖެ އެވެ.
ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާ ފޮޓޯތަކާއި ވީޑިއޯތަކުގައި ރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންތައްތަކެއް ހިނގަމުން ދިޔަ ތަނެއްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ކަމަށް ބެލެވޭ މީހަކު ހުންނަވާތަން ފެނެ އެވެ.
އެ މައްސަލަ ބަލައި ދިނުމަށް އެދި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއި ކުރައްވާ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލެޓާހެޑްގައި މިދިޔަ އާދިއްތަ ދުވަހުގެ ތާރީހުގައި ސިޓީ ފޮނުވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށެވެ.
އެ ސިޓީގައި ބުނީ، ދިވެހިންގެ ބަޔަކު ބަނގުރަލާ އެކު މަޖާ ކުރަމުން ދިޔަ ތަނެއްގައި ސީޕީ ހަމީދު ހުންނަ ފޮޓޯތަކެއް ޝޯޝަލް މީޑީއާގައި ދައުރުވެފައިވެފައިވާ ކަމަށާއި އެ ފޮޓޯތަކުން އެކަން ހުއްޓުވުމަށް ސީޕީ މަސައްކަތް ކުރެއްވިތަނެއް ނުފެންނަ ކަމަށެވެ. ސީޕީ އަކީ ގާނޫނު ނަގަހައްޓައި ޖިނާއީ ކުށްތައް ހުއްޓުވުމުގެ އެންމެ އިސް އެއް ފަރާތްކަމަށްވާއިރު، އެފަދަ ތަނެއްގައި ސީޕީ ހުންނެވުމަކީ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގަމުން ދިޔަ ބަޔަކަށް ހިތްވަރުދިނުން ކަމަށް ހާމަވެގެންދާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"ގާނޫނު ނެގެހެއްޓުމުގެ އެއްފަރާތް ކަމުގައިވާ ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އެފަދަ ތަނެއްގައި އެފަރާތްތަކަށް އެެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި، އެފަރާތްތަކާ ބައިވެރިވެ، އުފާ ފާޅުކުުރިކަމީ ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލުން ކަމަށާއި އެ މުއައްސަސާއަށް ރައްޔިތުން ކުރަމުންދާ އިތުބާރު ނަގާލުން ކަމަށް ގަބޫލުކުރެވެ އެވެ." އަބްދުއްރަހީމްގެ ސީޓީގައި ވިދާޅުވެފައިވެ އެވެ.
އެހެން ކަމުން ފުލުހުންގެ އެންމެ އިސް މަގާމުގައި ހުންނަވައި ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުމުގައި ފަސްޖެހި، އެ މުއައްސަސާގެ އަގުވައްޓާލާފައިވާތީ އެ މައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރެއްވުމަށްފަހު، ފިޔަވަޅު އަޅައި ދިނުމަށް ސީޓީގައި ވަނީ އެދިފަ އެވެ.
ދައުރުވަމުންދާ ވީޑިއޯތަކާ ގުޅިގެން މިހާތަނަށް ފުލުހުންގެ ރަސްމީ ބަހެއް ލިބިފައި ނުވެ އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދުގެ އަގުވައްޓާލަން ބަޔަކު މަސައްކަތް ކުރަނީ މިހާރު ފުލުހުން ހިންގަމުންދާ ބޮޑެތި ތަހުގީގުތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި އެކަމުގައި ޝާމިލުވާ ބަޔަކު ކަމަށެވެ. އަދި ސީޕީ ކޮމްޕްރޮމައިޒްކޮށް ސަރުކާރު ހިސޯރުކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.