ރާއްޖޭގައި އުފައްދާ ހިކި ކަނޑު މަހަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ތަމްރީނާ އެކު ފެންވަރު ހިފެހެއްޓިގެން އުފައްދާ އެއްޗަކަށް ހެދުމުގެ ތަމްރީން ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީ އިން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗާ ޑިވޮލޮޕްމެންޓް ]އިފާޑް[ގެ ލޯން އެހީގައި އެ މިނިސްޓްރީން ހިންގާ ޕްރޮގްރާމަކީ ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޑައިވައިސިފިކޭޝަން ޕްރޮގްރާމް ]ޕަޑިޕް[ގެ ފަރާތުން ހިކި ކަނޑުމަސް އުފެއްދުމުގެ މަސައްކަތްކުރާ ފަރާތްތަތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކާއި ރަށްރަށުގައި މަސްކައްކާ ހިއްކާ ފަރާތްތަކަށް ވެސް ބައިވެރި ވެވޭގޮތަށް ހިންގޭ ޕްރޮގްރާމެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފަޑިޕް ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ ހިކި ކަނޑު މަހުގެ ބާވަތްތަކުގެ ފެންވަރު ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން ހިފެހެއްޓުން ކަމަށެވެ. އަދި މޯލްޑިވްސް ފިޝްގެ ނަމަކީ ބައިނަލްއަގުވާމީ ނަމަކަށް ހެދުމުގެ އިތުރުން ހިކި ކަނޑު މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަކީ ވެސް އެ ޕްރޮގްރާމްގެ ބޭނުމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ޕަޑިޕްގައި ބައިވެރިވުމަށް ފިޝަރީޒް މިނިސްޓްރީން ވަކި މުއްދަތެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.