13 May 2020, 12:25
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް މޮޑާނާ އިންކްއިން ތަހުލީލް ކުރަމުންދާ ވެކްސިންއށް ފާސްޓް ޓްރެކް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދީފި އެވެ.
މޮޑާނާއަކީ އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކޮންފުންޏެކެވެ.
ފާސްޓްޓްރެކް ކުރުމަކީ ޑްރަގެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު ހުއްދައަށް ހުށަހަޅުމެވެ. އެއަށް ފަހު އެފްޑީއޭއިން އެކަން ރިވިއުކުރުމަށް ފަހު އެކަމާމެދު ހަ މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ.
ކޮރޯނާއާ ދެކޮޅަށް ވެކްސިނެއް އުފައްދުމަށް އެކި ކުންފުނިތަކުން ރޭހަކަށް ގޮސްފައިވާއިރު ބަލީގައި 285،000 މީހުން ވަނީ މަރުވެފަ އެވެ.
ކޮރޯނާއަށް 100 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދެ އެވެ. އެގޮތުން އެ ވެކްސިންތަކުގެ ކްލިނިކަލް ޓްރަޔަލްސްތައް ވެސް މިހާރު ކުރިއަށް ދެ އެެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނީ ވެކްސިނެއް އުފައްދަން އެންމެ މަދުވެގެން ވެސް އަހަރެއް ނަގާނެ ކަމަށެވެ.
މޮޑާނާއިން މިހާރު ނިންމާފައި ވަނީ އެ ވެކްސިނާ ގުޅޭ ބޮޑު ދިރާސާއެއް އަންނަ ހޫނު މޫސުމުގައި ކުރުމަށެވެ. އެއާއެކު އަންނަ އަހަރު އެ ވެކްސިން މާކެޓް ކުރުމުގެ ހުއްދަ ލިބޭނެކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.
އަލަށް އުފައްދާ ވެކްސިންގައި މަސައްކަތް ކުރަނީވެސް މުޅިން ތަފާތު ގޮތަކަށެވެ. އެގޮތުން ހަށިގަނޑުގައި ހިމެނޭ އާރުއެންއޭ މެސެންޖާއަށް ކޮރޯނާ ވައިރަސްގެ ޕްރޮޓީންއެއް އުފެއްދުމަށް އިރުޝާދުދޭނެއެެވެ. އެ އިރުޝާދުގެ ދަށުން ދިފާއީ ބާރު ކޮރޯނާއާ ދެކޮޅަށް މަސައްކަތް ކުރާނެއެެވެ.