13 May 2020, 10:06
ދުނިޔޭގެ ދެވަނައަށް އެންމެ ދުވަސްވީ އެއާލައިންކަމަށްވާ ކޮލަމްބިއާގެ އަވިއަންސާ ބަނގުރޫޓްވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ކޮރޯނާ ވައިރަސްއާ އެކު އަންދާޒާނުކުރެވޭވަރުގެ ގެއްލުމެއް އެ ކުންފުންޏަށް ކުރިމަތިވެފައިވާ ކަމަށެވެ.
ކުންފުނި ބަނގުރޫޓުވުވިކަން އިއުލާންކޮށް އެކަން އެމެރިކާގެ ކޯޓަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެގޮތަށް ކަންތައް ކުރީ އެ ކުންފުނީގެ އޮޕަރޭޝަންތައް މި ދަނޑިވަޅު ކުރިއަށް ގެންދަންކަމަށް އެ ކުންފުނިން ބުންޏެވެ.
އަވިއެންސާއިގެ މުވައްޒަފުންގެ ގޮތުގައި 21،000 މީހުން މުޅި ލެޓިން އެމެރިކާގައި ހިމެނެ އެވެ. ކޮރޯނާއާ ގުޅިގެން އަވިއެންސާއިން ދަތުރުކުރާ ތަންތަނުގެ 90 ޕަސެންޓް އޮތީ ދަތުރުނުކުރެވޭ ހާލަތުގައި ކަމަށް އެ އެއާލައިން ވަނީ ބުނެފަ އެވެ.
އަވިއެންސާގެ ސީއީއޯ ވޭން ޑާ އޮފް ވިދާޅުވީ ކޮރޯނާއާ ކުރިމަތިވި ގޮންޖެހުންތައް ފާއިތުވި 100 އަހަރު ތެރޭ ވެސް ކުރިމަތިވެފައި ނުވާ ކަމަށެވެ.
ބަނގުރޫޓްވުމުން، އެ ކުންފުނީގެ ހަރަދު ކުޑަކުރުމުގެ ގޮތުން ޕެރޫގެ އޮޕަރޭޝަންތައް ހުއްޓާލަން ނިންމައި އެ އެއާލައިންގެ މައިގަނޑު އެހެން މާކެޓްތަކަށް އިސްކަންދޭން ވަނީ ނިންމައިފަ އެވެ.
މާކެޓް އެނަލިސްޓުން ބުނާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން އެ ކުންފުންޏަށް މާލީ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. ޔުނައިޓެޑް އެއާލައިންސްގެ ހިއްސާ އޮންނަ ކުންފުންޏަކުންވަނީ މިދިޔަ އަހަރު ވަނީ އަވިއެންސާގެ މެޖޯރިޓީ ހިއްސާ ވެސް ގަނެފަ އެވެ.
މިދިޔަ މަހު އޮސްޓްރޭލިއާގެ ވާޖިން އެއާލައިން ވެސް ވަނީ ބަނގުރޫޓްވެފަ އެވެ.
ސީއެންއެން