ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދޭނީ ޝަރުތުތަކަކާ އެކު ކަމަށް ކަނޑައަޅައި އެ އިނާޔަތް ދިނުމުގައި އަމަލު ކުރާނެއުސޫލުއާންމުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާ، އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ "އިންކަމް ސަޕޯޓް އެލަވެންސް" ގެ ކަންތައް ކުރިއަށްދާނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. އެލަވެންސް ދޫކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެމްއެމްއޭ ނުވަތަ އެންސްޕާ އިން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ އެލަވެންސެކެވެ.

މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

އުސޫލު ބުނާގޮތުން މާޗު އެކަކާއި ހަމައަށް އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށްވެސް ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއް އޮތްނަމަވެސް އަދި ނެތް ނަަމަވެސް މި އެލަވެންސް ލިބިދެވޭނެ އެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެ ކަމަށާއި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށް ކަމަށް ބުނެފައިވެ އެވެ.

ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކަށް މި އުސޫލުގެ ދަށުން 5،000 ރުފިޔާ ލިބޭނެ އެވެ. ނޯޕޭ އަށް ފޮނުވާފައިވާ ފަރާތްތަކަށްވެސް މި އަދަދަށް އެލަވެންސް ލިބޭއިރު މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެއެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުދިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް އުސޫލުގައި ވެއެވެ.

އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.

މި އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެހިންނަށެވެ. އަދި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހޭނެ ކަމަށާއި އެލަވެންސް ހޯދުމަށް އެދޭ ފަރާތަކީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އެލަވެންސް ދިނުމުގެ ޝަރުތުގެ ތެރޭގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެމީހަކީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުގުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި އެލަވެންސް ދޭނީ އޭޕްރީލް އިން ޖޫން އަށް، ތިން މަހުގެ ނިޔަލަށެވެ. ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން އެލަވެންސް ދޭނެ ކަމަށާއި ތިން މަސް ހަމަވުމުގެ ކުރިން ވަޒީފާ އާންމު ހާލަތަށް ރުޖޫއަވާ ފަރާތްތަކަށް އެލަވެންސް ދިނުން ހުއްޓާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވަޒީފާ އާންމު ހާލަތަށް އަަންނަކަން ޖޮބްސެންޓަރާ ހިއްސާ ކުރަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.

އެލަވެންސް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނީ ޖޮބްް ސެންޓަރަށެވެ. މި އުސޫލުގައި ބުނާ އެލަވެންސް ހޯދުމަށް ދޮގު މައުލޫމާތު ދޭ ފަރާތްތަކާމެދު ގާނީނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެ އެވެ.

އުސޫލަށް ޢަމަލުކުރަން ފަށާނީ، ގެޒެޓުގައި އުސޫލު ޝާއިއުކުރާ ތާރީހުން ފެށިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ގާނޫނަކަށް އަމަލުކުރަން ފަށަންދެން ކަމަށް ބުނެފައިވެ އެވެ.