"ހުރިހާ ކަމެއް ވެސް ހުރީ ތައްޔާރަށް. ސާހިބާ!" ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އަދި ހަމަ އެފަދައިން، ގާޒީއަށާއި އަމީރާ ސަލްމާއަށާއި ދެ އަމީރުންނަށް ވެސް މި ޚަބަރު ދީ." ވަޒީރު ވިދާޅުވިއެވެ.

"މައްސަލައެއް ނޯންނާނެ. އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާނަން." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އަވަހަށް ދޭ! ހުރިހާ ކަމެއް ހުންނާން ވާނީ ފުރިހަމައަށް." ވަޒީރު ވިދާޅުވިއެވެ.

"އާދެ މަ ސާހިބާ! އަދި އެއް ވާހަކަ ދަންނަވައި ލާން ކަމަށް!! ސާހިބާ! އަޅުގަނޑު އޮންނާނެ ފުލުހުންގެ މުސާރައާ ގުޅޭ ސިޓީއެއް މަނިކުފާނަށް ފޮނުވާފައި. އެނގިވަޑައި ގަންނަވާނެ ފަދައިން ބާޒާރުގެ އަގުތައް ވަނީ ބޮޑު ވެފަ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"މިއީ ފުުލުހުންގެ މުސާރައިގެ ވާހަކަ ދައްކާން އޮތް ވަގުތެއް ނޫން. ޚަލީފާއާއި ވަލީއަހުދަށް އިސްތިގުބާލު ކުރުމުގެ ކަންކަން ހަމަ ޖައްސާން ދޭ!" ވަޒީރު އަމުރުވެރި ރާގެއްގައި ވިދާޅުވިއެވެ.

*****

"ކޮބައި ތޯ އަޅުގަނޑުމެންގެ ކުޑަކުޑަ ކިޝްތީ." ސަލްމާ އެއްސެވިއެވެ.

"ބައްޕަ ހިތަށް އެރީ ކުޑަކުދީން ވެސް ތިބުމާ އެކު ތަންކޮޅެއް ބޮޑު ކިޝްތީއެއް ކުއްޔަށް ހިފާނީއޭ. އޭރުން އެ ކުދީންނަށް ވެސް ތަންކޮޅެއް ބޮޑަށް ރާހަތު ލިބޭނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ބައްޕަ ހާދަ ރަނގަޅޭ." ސަލްމާ ވިދާޅުވިއެވެ.

"ހިނގާ އަވަހަށް ކިޝްތީއަށް އަރަމާ! ކިޝްތީއަށް އަރާނީ ގަންފިލާ މަތީން ހިނގައިފައި ގޮސް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެންމެ ފުރަތަމައަށް އަރާނީ އަޅުގަނޑު." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ނޫން. އަޅުގަނޑު.." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ދެބެން އަރައިރުން ނުވޭ! އެހެން ނޫނީ ޖެހޭނީ ކިޝްތީގެ ދަތުރު ފަހަށް ބާއްވާފައި އެނބުރި ގެއަށް ދާން." ސަލްމާ

*****

"ކޮބައި ތޯ އިއްޒަތްތެރި ގާޒީ؟ ވަރަށް މުހިއްމު ކަމެއްގައި އެމަނިކުފާނާ ބައްދަލު ކޮށްލާން ވެގެން." ފުލުހުންގެ ވެރިޔާ ގާޒީ ޞަފިއްދީނުގެ ގެކޮޅަށް ވަޑައިގެން ސަލާމް ގޮވައި ލެއްވުމުން ސަލާމް ބަލައި ގަތް ވަދީދާއާ ސުވާލު ކުރެއްވިއެވެ.

"ސާހިބާ! އެމަނިކުފާނު ނުކުމެވަޑައި ގަތީ ބޭރަށް." ވަދީދާ ޖަވާބު ދިނެވެ.

"އެހެން ވެއްޖެއްޔާ ސުމުއްވުލް އަމީރާ ޞަފިއްޔާ (ސަލްމާ) އަރިހުގައި ދަންނަވާ އަޅުގަނޑު އެކަމަނާއާ ބައްދަލު ކޮށްލާން ބޭނުން ވާހަކަ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އެކަމަނާ ވެސް ނުކުންނެވީ ބޭރަށް." ވަދީދާ ޖަވާބު ދިނެވެ.

"އެހެން ވެއްޖެއްޔާ ކުޑަކުޑަ އަމީރު މުޙައްމަދު ޞަފިއްޔުއްދީނަށް ދަންނަވާ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އެ ހުރިހާ ބޭފުޅުން ބޭޭރަށް ވަޑައި ގަތީ އެކުގައި. ހެނދުނު ހެނދުނާ." ވަދީދާ ބުންޏެވެ.

"ކޮން ތާކަށް؟" ފުލުހުންގެ ވެރިޔާ އެއްސެވިއެވެ.

"ގޭގެ ޒާތީީ ސިއްރުތައް ގޭގެ ވެރިޔާގެ ހުއްދައާއި އިރުޝާދާ ނުލައި ހާމަ ކުރާކަށް އަޅުގަނޑަކަށް ނުކެރޭނެ." ވަދީދާ ބުންޏެވެ.

"ވަދީދާ! މިއީ ގޭގެ ޒާތީ ސިއްރުގެ ވާހަކަ ނަގާން ވީ ވަގުތެއް ނޫން. މި އަހަނީ އަވަސް އަދި މުހިއްމު ރަސްމީ ކަމެއްގައި ރަސްމީ ހައިސިއްޔަތު އޮތް ބޭފުޅުންތަކެއްގެ ވާހަކަ." ފުލުހުންގެ ވެރިޔާ މާސަރުކަމާ ވިދާޅުވިއެވެ.

"އަޅުގަނޑު އަޑު އެހިން އެ ބޭފުޅުން ނުޒުހަތުގެ ދަތުރެއްގައި ކޯރުގައި ކިޝްތީ ދުއްވައި ލައްވާން ވަޑައި ގަންނަވާން ވެގެން ވާހަކަ ދެއްކެވި އަޑު." ވަދީދާ ބުންޏެވެ.

"ނުޒުހަތުގެ ދަތުރެއްގައި ކޯރުގައި ކިޝްތީ ދުއްވައި ލައްވާން ށޭ!!" ފުލުހުންގެ ވެރިޔާ ހައިރާންކަމާ އެކު ވިދާޅުވިއެވެ.

"އެ ކަމުގައި އެބަ އޮތް ތޯ އައިބެއް. މިއަދަކީ ފަނޑިޔާރުގޭގެ ޗުއްޓީ ދުވަހެއް." ވަދީދާ ބުންޏެވެ.

"އިއްޒަތްތެރި ގާޒީއަކަށް މައްސަލައެއް ނޫން ޗުއްޓި ދުވަހު ބޭނުންފުޅު ގޮތަކަށް އަމިއްލަ ކަންކަން ރޭއްވުމާއި ޚަލީފާ އެމަނިކުފާނަށް ދެއްވައިފައި ވާ ހުއްދައާ އެއްގޮތަށް ހުއްރާސުންނާ ނުލައި ތަންތަނަށް ވަޑައި ގަތުމަކީ. އަދި އާއްމުންނާ ބައްދަލު ކުރެއްވުމަކީ. އެކަމަކު ތިން އަމީރުން ހިމާޔަތް ކުރުމަކީ އަހަރެންގެ ވާޖިބެއް އަދި މަސްއޫލިއްޔަތެއް. އަހަރެން ދެން ހަދާނީ ވެސް ކިހިނެއް؟ ކިހިނެއް ހަދާނީ... ނުޒުހަތުގެ ދަތުރެއްގައި ކޯރުގައި ކިޝްތީ ދުއްވައި ލައްވާން." ފުލުހުންގެ ވެރިޔާ ކަންބޮޑު ވުމާ އެކު ވާހަކަ ދައްކަވަމުން ގެންދެވިއެވެ.

*****

"މީގެ ކުރިއަކުން މިފަދަ ރީތި މަންޒަރުތަކެއް އަޅުގަނޑެއް ނުދެކެން މަންމާ." އަމީރާ ޞަފާ ވިދާޅުވިއެވެ.

"މީގެ ކުރީން ކީއް ވެގެން ތޯ އަޅުގަނޑުމެން ގޮވައިގެން މި ތަނަށް ވަޑައި ނުގަންނަވަނީ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.

"އެއީ ދަރިފުޅުންގެ ވަށައިގެން އަބަދުވެސް ސިފައިންނާއި ހުއްރާސުން ތިބޭތީ. ތޮބީއަތަކީ މިނިވަން އެއްޗެއް. ތޮބީއަތުގެ ރީތިކަން ނުފެންނާނެ ބަންދު ވެގެން ތިބެގެންނެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނަށް ވާހަކަ ކިޔައި ދެއްވާން ރަނގަަޅު ވަގުތެއް ނޫން ތޯ؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އާނ. ދަރިފުޅާ! މައްސަލައެއް ނެތް. އަހަރެމެން ވާހަކަ ހުއްޓައި ލީ މަލިކު ޣައްސާނުގެ ގާސިދު ގޮސް ކަޢުބު ބްނު މާލިކާ ބައްދަލު ކޮށް ރަސްގެފާނުގެ ސިޓީ ކަޢުބަށް ދިން ހިސާބުން. އަދި ކަޢުުބު ބުނެގެން ކަޢުބުގެ އަންހެނުން އުނދުން ރޯ ކުރި ހިސާބުން." ގާޒީ ޞަފިއްޔުއްދީނު މިހެން ވިދާޅު ވެފައި ވާހަކަ ކުރިޔަށް ގެންދަވާން ފެއްޓެވިއެވެ.

*****

"އަދިވެސް ސިޓީގެ ޖަވާބެއް ނުދެމެއް ނޫން ތޯ؟" މަލިކު ޣައްސާނު ފޮނުއްވި ގާސިދު ކަޢުބު ބްނު މާލިކަށް ބުންޏެވެ.

"އަހަރެންގެ ޖަވާބު ކުޑަ އިރުކޮޅަކުން ފެންނާނެ." ކަޢުބު ޖަވާބު ދިނެވެ.

"މިއީ މާ ބޮޑު ވިސްނުމެއް ވިސްނާން ޖެހޭ ކަމެއް ވެސް ނޫން. މި ވަރުގެ ރަނގަޅު ހުށަހެޅުމެއް ދެން އެހެން ދިމާއަކުން ނާންނާނެ. މިހެން އަންނަ ބޮޑެތި ފުރުސަތުތައް އުމުރުގައި އެއްމެ ފަހަރަކު ނޫނީ ނާންނާނެ." މަލިކު ޣައްސާނުގެެ ގާސިދު ބުންޏެވެ.

އޭނާ އެހެން ބުނުމުން ކަޢުބު ބުންޏެވެ. "އަހަރެންގެ ގާތަށް ކަލޭ ފޮޮނުވި މީހާގެ ގާތަށް ގޮސް ބުނޭ! އަހަރެން އޭނާ ފޮނުވި ސިޓީ އަންދާލައިފިއޭ." އެހެން ބުނުމާ އެކު ކަޢުބު އޭނާގެ އަތުގައި އޮތް ސިޓީ، ރޯ ކޮށްފައި ހުރި އަލިފާނުގެ ތެރެއަށް އެއްލައިލިއެވެ. އަދި ބުންޏެވެ. "ކަލޭ ވެސް އަދި އެ ރަސްގެފާނު ފޮނުއްވާ އެހެން ގާސިދަކު ވެސް އިތުރަށް ދެކޭކަށް އަހަރެން ބޭނުމެއް ނޫން."

*****

"ކިހިނެއް ވެފައި ތި ހިރީ. އަބޫޤަތާދާ! ވަރަށް ދެރަވެފައި ކޮންމެވެސް ކަމަކާ ކަންބޮޑު ވެފައި ހުރި ހެން ހީވަނީ." އަބޫޤަތާދާގެ އެކުވެރިޔަކު އަބޫޤަތާދާގެ ގާތު އެހިއެވެ.

"ހުރިހާ ހާލަތެއްގައި ވެސް ޙަމްދު ހުރީ ﷲއަށް." އަބޫޤަތާދާ ބުންޏެވެ.

"އޭ އަޚާ! އަހަރެން ގާތު ބުނޭ. ކިހިނެއް ވީ؟ ކަންބޮޑުވުން އެހެން މީހަކާ ހިއްސާ ކުރުމަކީ އޭގގެ އަސަރު ކުޑަ ވެ ކެނޑޭ ކަމެއް." އެކުވެރިޔާ ބުންޏެވެ.

"ބޮޑުބޭބެގެ ދަރިފުޅު ކަޢުބު ބްނު މާލިކުގެ ކަންތަކާ އަހަރެން ކަންބޮޑު ވަނީ. މިހާރު ސާޅީސް ދުވަހަށް ވުރެ ގިނަ ވީ މީހުންނާ ވާހަކަ ދެއްކުމުގެ ހުއްދަ ނެތި އެހެން ހުންނަތާ." އަބޫޤަތާދާ ބުންޏެވެ.

"އާނ. ތިޔައީ ތެދެއް. އެކަމަކު އެއީ ﷲގެ ރަސޫލާގެ ހުކުމްފުޅު." އަބޫޤަތާދާގެ އެކުވެރި ޠަލްޙާ ބުންޏެވެ.

"ﷲގެ ކިބައިން ރައްކާތެރިކަމަށް އެދެެން. އަހަރެން އެ ހުކުމްފުޅަކަށް އިއުތިރާޒެއް ނުކުރަން. ހަމައެކަނި އޭނާގެ ހާލާ މެދު ހުރި ކަންބޮޑު ވުމެއް." އަބޫޤަތާދާ ބުންޏެވެ.

"އާ ޚަބަރުތައް އަޑެއް ނާހަމު ތަ؟" ޠަލްޙާ ބުންޏެވެ.

"ކޮން ޚަބަރުތަކެއް؟" އަބޫޤަތާދާ އެހިއެވެ.

"އުޒުރަކާ ނުލައި ހަނގުރާމައިގައި ބައިވެރި ނުވެ ތިބި ތިން މީހުން އެމީހުންގެ އަނބީންނާ މުއާމަލާތު ކުރުން ވެސް މިހާރު ވަނީ މަނާ ކުރައްވާފައި." ޠަލްޙާ ބުންޏެވެ.

"އަސްތަޣުފިރު ﷲ!" އަބޫޤަތާދާއަށް ބުނެވުނެވެ.

*****

"އަދިވެސް ތައްޔާރެއް ނުވަމު ތަ؟" ކަޢުބު އޭނާގެ އަންހެނުންނާ ސުވާލު ކުރިއެވެ.

"އަހަރެން ހިތަށް އެރީ ފަތިސް ވުމުންނޭ އަހަރެން އަހަރެންގެ މައިފުނަގެއަށް ދާނީ." ކަޢުބުގެ އަންހެނުން ބުންޏެވެ.

"އަހަރެމެން އެއް ގެއެއްގައި ތިބުން ހުއްދަ ވެގެންނެއް ނުވޭ. ﷲ ގެ ރަސޫލާ ވަނީ އުޒުރެއް ނެތި ހަނގުރާމައިގައި ބައިވެރި ނުވި ތިން މީހުންނަށް އެމީހުންގެ އަނބީން ވެސް ހަރާމް ކަމަށް އަންގަވާފައި." ކަޢުބު ބުންޏެވެ.

"ތީގެ މާނައަކީ ވަރި ތަ؟" ކަޢުބުގެ އަންހެނުން އެހިއެވެ.

"ނޫން. އަނބީންނާ ވަކީން އަނބީންނާ ދުރުގައި ތިބޭން ޖެހުމަކީ އަހަރެމެންނަށް ދެވޭ އަދަބެއްގެ ގޮތުން އައި ކަމެއް." ކަޢުބު ބުންޏެވެ.

"އެކަމަކު ތިޔަ އަދަބު ލިބެނީ ފިރީންނަށް އެކަންޏެއް ނޫން. އަހަރެމެންގެ އެއްވެސް ކުށަކާ ނުލައި އަހަރެމެންނަށް ވެސް ތިޔަ ކަމުން އަދަބު އެބަ ލިބޭ." ކަޢުބުގެ އަންހެނުން ބުންޏެވެ.

"ކުށެއް ނެތޭ! ހަނގުރާމައަށް ދިއުމަށް ތައްޔާރުވުމުގެ ވަގުތުގައި ގޭގެ އެކަން މިކަން ނުވެ ހުރި ވާހަކަ ދައްކައިގެން އެ ކަންކަމުގައި އަހަރެމެން މަޝްޣޫލު ކުރުވީ ކޮން ބައެއް؟" ޝަކުވާގެ ރާގެއްގައި ކަޢުބު ބުންޏެވެ.

"އެންމެ ފަހުން ހަގީގީ ކުށްވެރިއަކަށް މި ވީ އަހަރެން ތަ؟" ކަޢުބުގެ އަންހެނުން ހައިރާންކަމާ އެކު ސުވާލު ކުރިއެވެ.

"ފިރިހެނުން ބޭރު ތެރޭގައި ކުރާން ޖެހޭ ކަންކަމާއި އާމްދަނީ ހޯދުމަށް ކުރާ ކަންކަމާއި ދައުލަތުގެ ކަންކަމުގައި އަދާ ކުރާން ޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ބާރު އަޅައި ހިތްވަރު ދިނުމަކީ ރަނގަޅު އަނބީން ކުރާނޭ ކަންކަން." ކަޢުބު ބުންޏެވެ.

"އެކަމަކު ކަންކަމުގައި ގޮތް ނިންމާ މީހަކީ ތިޔައީ. އަހަރެން ކޮންމެ އެއްޗެކޭ ކިޔަސް، ކަޢުބު ކުރާން ޖެހޭ ކަންކަމުގައި ކަޢުބު ފަރުވާ ކުޑަކޮށްގެން ނުވާނެއެއް ނޫން ތަ؟" ކަޢުބުގެ އަންހެނުން ބުންޏެވެ.

"ތިޔަ ބުނީ ތެދެއް. އަހަރެން ޖެހޭނެ އަނބިމީހާ ކޮންމެ އެއްޗެކޭ ކިޔަސް، އަހަރެންގެ ވާޖިބުތައް އަދާ ކުރާން." ކަޢުބު ބުންޏެވެ.

ކަޢުބުގެ އަންހެނުން ޙައްޥާ ދިޔައީ އޭނާގެ މައިފުނަގެއަށެވެ.

*****

ގޭގެ ތެރޭގައި މީހަކު ހަރަކާތްތެރި ވާ އަޑަށް ހިލާލު އެހިއެވެ. "ފުރަމެންދަމުގެ މި ވަގުތު މިގޭގެ ތެރޭގައި ހަރަކާތްތެރި ވަނީ ކާކު؟"

"މިއީ ތިބާގެ އަންހެނުން ޚައުލާ! ކަންބޮޑު ނުވޭ!" ހިލާލު ބްނު އުމައްޔާގެ އަންހެނުން ޚައުލަތު ބުންޏެވެ.

"ކިހިނެއް މި ގެއަށް ތިޔަ އައީ. އަހަރެމެން އެކަކު އަނެކަކާ މުއާމަލާތު ކުރުން މަނާ ވެފައި ވަނިކޮށް." ހިލާލު ބުންޏެވެ.

"އަހަރެން މި އައީ ﷲގެ ރަސޫލާގެ އަރިހަށް ގޮސްފައި. މި ގޭގައި މަޑު ކުރުމުގެ އިޒުނައަށް އެދުނިން. އެއީ ތިބާއަށް އެހީތެރި ވުމަށް. ދެން އެކަލޭގެފާނު އެ އިޒުނަ ދެއްވި." ޚައުލާ ބުންޏެވެ.

"އާލަމްތަކަށް ރަޙުމަތެއް ކަމުގައި އެކަލޭގެފާނު ފޮނުއްވި އިލާހުގެ ހުސްޠާހިރުވަންތަކަމާ!." ހިލާލަށް ބުނެވުނެވެ.

"ކާނެ އެއްޗެއް ގެނެސް ދެން ތަ؟" ޚައުލާ އެހިއެވެ.

"ތިޔައީ ރަނގަޅު ކަމެއް. މުޅި ދުވަހު އަހަރެން މި އިނީ ކާން ވެސް ހަނދާން ނެތިފައި." ހިލާލު ބުންޏެވެ.

- ނުނިމޭ -