13 May 2020, 01:36
ވަކި ގަޑިތަކެއް ކަނޑައަޅައިގެން އެ ގަޑިތަކުގައި ވަކި ބޯޓުތަކަކަށް މާލެ އާދެވޭ ކަހަލަ އުސޫލެއް އެކުލަވާލަން މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)އިން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން މުދާ ހޯދުމަށް ބޯޓުފަހަރު މާލެއަށް އަންނަން ޖެހޭ ކަމަށެވެ.
"އެތަނުގައި އައިސީޕީއެއް މަސައްކަތް ކުރަމުން އެބަދޭ. އެ ބޭފުޅުން ކުރައްވާ މަސައްކަތަކީ އެ ދޯނިތަކުން އަންނަ މީހުންނަށް މާލެ ތެރެއަށް ނުގޮސް އެ ސަރަހައްދުން މުދާ ލިބިގެން އަނބުރާ ދާ ގޮތަށް މަސައްކަތް ކުރަމުން ގެންދިއުން." މަބްރޫކް ވިދާޅުވި އެވެ.
"ތޮއްޖެހުމުގެ މަސައްކަތް އެ ގޮތަށް ކުރެވޭ ކަންތަކުގެ ތެރޭގައި ފާހަގަކުރެވިފައި ވޭ، އެކަން މަދު ކުރުމަށް ވަކި ގަޑިތަކެއް ކަނޑައަޅައިގެން ވަކި ބޯޓުތަކަށް އާދެވޭ އޮޕްޝަންތަކެއް އެބަ ބަލަމުންދޭ،"

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ
އެކަމާ ގުޅޭ އުސޫލު އެކުލަވާލުމުން އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ އުސޫލު އެކުލަވާލެވެންދެން މިހާރު ބޯޓު ފަހަރަށް މާލެ އައުމުގައި އަމަލު ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ މިހާރު އަމަލުކުރަމުންދާ ގޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލެއަށް އަންނަ ބޯޓުފަހަރުތައް އާންމުކޮށް ކައިރި ކުރަނީ ނޯތު ހާބަރު އޮންނަ ބާޒާރު ސަރަހައްދަށެވެ. މާލެއިން މިހާތަނަށް ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 42 މީހަކު ހިމެނެނީ ބީޒެޑްއެމް (ބާޒާރުމަތީ) ކްލަސްޓާގަ އެވެ.