25 Dec 2011, 11:54
އިސްލާމް ދީން ހިމާޔަތް ކުރުމަށް ބޭއްވި ބޮޑު މުޒާހަރާގައި ދިވެހި ރައްޔިތުން ސަރުކާރަށް ހުށައެޅި ފަސް ކަންތައް ސަރުކާރުން ކުރާ، ނުކުރާ ގޮތެއް ބެލުމަށް ފަހު، އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން މިހަފުތާގެ ތެރޭގައި މަދަނީ އިއްތިހާދުން ބައްދަލުވާނެ ކަމަށް އެ އިއްތިހާދުގެ ފަރާތުން ބުނެފި އެވެ.
މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ރޭ ވީޓީވީގެ ސްޓޫޑިއޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑު މުޒާހަރާގެ ބައިވެރިން ސަރުކާރަށް ހުށައެޅި ފަސް ޑިމާންޑަކީ ވަރަށް ސާފުކޮށް ހުށަހަޅާފައިވާ ކަންތައްތަކެއް ކަމަށާއި އެކަން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އެއީ ހުރިހާ ސިޔާސީ ބޭފުޅުން ތާއީދުކޮށް އަތްޕުޅު މައްޗަށް ނެންގެވި. އެތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން އެކަމަށް ތާއީދުކުރައްވައި އަތްޕުޅު މައްޗަށް ނެންގެވި. އެކަން ވަރަށް ސާފު. އަދި ޕްރެސް ސެކްރެޓަރީ ވިދާޅުވާނެ ސާފުވި ވާހަކަ ވެސް. މީގެ ކުރިން އަޅުގަނޑުމެން ރަލާ ބެހޭ ގޮތުން މުޒާހަރާއެއް ބޭއްވި އިރު ވެސް ވިދާޅުވި ތިމަންނަމެންނަކަށް ނޭނގެއޭ މުޒާހަރާއެއް ބޭއްވި ކަމެއް ވެސް. އެކަމަކު ފަހުން ވިދާޅުވީ ބޭއްވި ވާހަކަ. މުޒާހަރާ ބޮޑު ވާހަކަ ވެސް ވިދާޅުވި. އަދި އެކަމާ ވިސްނަވާނެ ވާހަކަ ވެސް ވިދާޅުވި،" ދީދީ ވިދާޅުވި އެވެ. "އެހެންވީމަ ޕްރެސް ސެކްރެޓަރީގެ ވާހަކަފުޅަކީ މިނިޓެއްގެ ދެކޮޅުން ބަދަލުވާ ވާހަކައެއް. ތިޔަ ބޭފުޅުން އަދި އަޑުއައްސަވާނެ އެ ވާހަކަ ބަދަލުވަމުންދާ ތަން،"
އިސްލާމް ދީނުގެ ހިޔާމަތުގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން އަށް ގަޑި އިރުވަންދެން ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ފަސް ކަމަކީ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓުތަކުން އައްޑޫ ސިޓީ ތާހިރު ކުރުމަށާއި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތުމަށާއި އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިޒްރާއިލް"ގެ ފުލައިޓްތައް ރާއްޖޭގައި ޖެސުމުގެ ހުއްދަ ބާތިލް ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ހިސާބުތައް ފަޅު ރަށްތަކުގެ ގޮތަށް ނިންމެވި ނިންމުން ބާތިލް ކުރުމަށާއި ހަށި ވިއްކުމަށް ހުޅުވާފައިވާ މަސާޖު ޕާލާތައް ބަންދު ކުރުމަށެވެ.
ދީދީ އިތުރަށް ވިދާޅުވީ ރައްޔިތުންގެ އަޑު ސަރުކާރުން އަހަން ޖެހޭނެ ކަމަށާއި އެކަން ނުކޮށްފި ނަމަ އެއީ ޖުމްހޫރީ ވެރިކަމަކަށް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ވާނީ މިލިޓަރީ ވެރިކަމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރަގައި ސަރުކާރަށް ހުށައެޅި ފަސް ކަމަކީ ކޮބައިކަން މާބޮޑަށް ސާފްނުވާ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވަނީ ވިދާޅުވެފަ އެވެ.
"ފަސް ޑިމާންޑާ ސުވާލު އުފެދެނީ އެ ޑިމާންޑުތައްކޮށްފައި ވަނީ މަދަނީ އިއްތިހާދުންތޯ ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީތަކުންތޯ އަދި މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރި ޑިމާންޑުތަކެއްތޯ ސަރުކާރަށް ސާފުނުވާތީ އަދި އެ ޑިމާންޑްތަކަކީ ސަރުކާރަށް އާ ޑިމާންޑުތަކެއް ނޫން މީގެ ކުރިން ވެސް ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތަކެއް." ޒުހައިރު ވިދާޅުވި އެވެ.