27 Jun 2010, 10:37
14:30
އިމާރާތް ކުރަމުންދިޔަ ގެއެއްގެ ތެރޭގައި ހުރި ކުނި ބަސްތާތަކެއްގެ ތެރޭން މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީ ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ހަދަމުންދިޔަ މ. އަންގާގިރީގޭގެ ތެރޭގައި މަރުވެފައި އޮއްވާ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެރޭ ފެނުނު ލ.ގަމު ތުނޑީ އުމުރުން 30 އަހަރުގެ މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ އުމުރުން 30 އަހަރުގެ މުހައްމަދު ނަޖާހުގެ މައްޗަށް ދައުލަތުން ދައުވާ ކުރުމަށް ހުށަހަޅާފައި މި ވަނީ އެމައްސަލައިގައި ނަޖާހު ހައްޔަރުކޮށްފައި ހުންނަތާ ފަސް މަސް ފަހުންނެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ޝީރީން މަރުވެފައި ވަނީ އޭނާ ދިރިއުޅުނު މ. ކުރާހާގޭ ކޮޓަރީގެ ތެރޭގައި ކަމަށެވެ. އަދި ހަތަރު ފޫޓް ނުވަ އިންޗީގެ އިސްކޮޅެއް ހުރި ޝީރީންގެ ހަށިގަނޑު އަންގާގިރީގެއަށް ގެންގޮސްފައި ވަނީ އާދައިގެ ޒިބުލީ ފޮށްޓަކަށް ލައިގެން އޭނާގެ ލޯބިވެރިޔާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ޝީރީންގެ ހަށިގަނޑު ފެނިފައި ވަނީ މަރުވިތާ 36 ގަޑިއިރު ފަހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 31 ން ފެށިގެން ޝީރީން ގެއްލިގެން އާއިލާއިން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ 10 ބުރި އަށް ހަދަމުންދިޔަ އަންގާގިރީގައި މަސައްކަތް ކުރަމުންދިޔަ މަސައްކަތު މީހަކަށެވެ. އޭރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.